އަންނަ މާޗު 17، ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ ވޯޓާސް ރަޖިސްޓްރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެލްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މާދަމާ 15:00 ގެ ނިޔަލަށް މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އެ ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެ އެވެ. މީގެ އިތުރުން ވީއާރް ޖެހުމަށްފަހު ހުސްތަންކޮޅެއް ޖަހައި، އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 1414 އަށް މެޖެސު ކޮށްގެން ވޯޓުލާޏްޖެހޭ ފޮށީގެ މައުލޫމާތު ޗެކުކުރެވޭނެ އެވެ.
ވޯޓު ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ވެސް ލިބެން ހުންނާނެ އެވެ.
ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެލްއިން އެޑްރެސްއިން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެ އެވެ.
މީގެ އިތުރުން އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ވެސް ޝަކުވާ ފޯމު ބަލައިގަންނާނެ އެވެ.
ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރަމަޟާން މަސް ނިމުނުތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ. ރައިސް މުއިއްޒު އަދި އެ އިސްލާހު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ
ކޮމެންޓު ފޮނުވާ