އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވ.ފެލިދޫގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވ.ފެލިދޫގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

Author
ހުސެއިން
17 ފެބްރުއަރީ 2024 07:32
0
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވ.ފެލިދޫގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.
ވ.ފެލިދޫގައި ހުންނަ ވ.އަތޮޅު ހޮސްޕިޓަލްގެ އެދުމުގެމަތިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން މިއަދު ހިންގި މި ޕްރޮގްރާމްގައި، އެ ހޮސްޕިޓަލްގެ މުވައްޒަފުންނާއި، ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުންނާއި، ވ.ފެލިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެ ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ.
މި ޕްރޮގްރާމުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މި ޕްރޮގްރާމްގައި ކިޔައިދިން ބައިތަކުގެ ތެރޭގައި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެފަދަ ހާދިސާތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނޭ ގޮތާއި، އަލިފާން ރޯވަން މެދުވެރިވާ ސަބަބުތައް ހިމެނެއެވެ. އަދި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން މައުލޫމާތު ދީ، އެ ތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދިނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.