ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރަށް ބޮޑު ބަޖެޓުގެ އިތުރު ތިން ފިލްމުން ފުރުސަތު ލިބިއްޖެ އެވެ.
މިހާރު ވެސް ސައުތުގެ އެންމެ މަޝްހޫރު އެއް އެކްތަރު އެންޓީއާރް ޖޫނިއާ އާއި އެކުގައި ފިލްމް އެއްގެ މަސައްކަތް ކުރަމުން އަންނަ ޖާންވީ އަށް އިތުރު ބޮޑު ތިން ޕްރޮޖެކްޓެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެއީ ޖާންވީގެ ދެކުނު އިންޑިއާ ސިނަމާގެ ފުރަތަމަ ފިލްމު "ދެވާރާ: ޕާޓް ވަން" އެވެ. އެންޓީއާރު ޖޫނިއާއާ އެކު ޖާންވީ ފެންނާނެ އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. މި ފިލްމް އަކީ ވެސް ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑް ކޮށް ހަދާ ފިލްމްއެކެވެ.
ޖާންވީ އަށް ލިބުނު ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ ދެކުނު އިންޑިއާގެ ސިނަމާގެ ތަރިއެއް ކަމަށްވާ ރާމް ޗަރަންއާ އެކު އޭނާ ލީޑު ރޯލު ކުޅޭނެ ފިލްމެކެވެ. ބުޗީ ބާބޫ ޑައިރެކްޓުކުރާ އެ ފިލްމަށް ކިޔަނީ "އާރުސީ ސިކްސްޓީން" އެވެ.
މިފިލްމް ގެ މަސައްކަތް އަދި ރަސްމީކޮން ފަށައިފައި ނުވި ނަމަވެސް ދެން އެންމެ އަވަހަށް އޭނާ ފަށާނެ މަސައްކަތަކީ އެއީއެވެ. ރާމް ޗަރަން އަކީ ސައުތުގެ އެންމެ ޑިމާންޑް ބޮޑު އެއްޓަރުންގެ ތެރޭގައި ހިމެނޭ އެކްތަރެކެވެ.
ދެވަނަ ފިލްމަކީ "ރަންގް ދޭ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ކަހަލަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ފިލްމެއް ކަމަށްވާ "ކަރްނާ" އެވެ. އެ ފިލްމުގައި ޖާންވީއާ އެކު ލީޑުން ފެންނާނީ ދެކުނު އިންޑިއާގެ ސިނަމާގެ އެކްޓަރު ސޫރިޔާ އެވެ.
ސޫރިޔާ އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެކެވެ. އަދި ހަމަ އެހެންމެ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ސޫރިއާ އަކީ ވެސް ސައުތުގެ މަޝްހޫރު އެކްތަރެކެވެ. އޭގެ އިތުރުން އޭނާގެ އަންހެނުން ޖޯތިކާ އަކީ ވެސް މަޝްހޫރު ބަތަލާއެކެވެ.
ޖާންވީ އަށް ވަނީ ވަރުން ދާވަންއާ އެކު ވެސް ރޮމޭންޓިކް ކޮމެޑީ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމު ޑައިރެކްޓުކުރަނީ ޝަޝަންކް ކައިތަން އެވެ.