މިމަހުގެ 7 ވަނަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މި މައްސަލައިގައި ހައްޔަރުކުރި 3 ވަނަ މީހަކީ ރ. މަޑުއްވަރި، ރުވާގުގެ، އިބްރާހިމް ނުއައިމް ޝަރުމީލް (19 އަ)
މިމައްސަލާގައި ފުލުހުން މީގެކުރިން ވަނީ 21 އަހަރާއި 35 އަަހަރުގެ ދެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އެ ދެމީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ. އަދި އެންމެ ފަހުން ހައްޔަރުކުރި ނުއައިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށްވެސް 15 ދުވަސް ދީފަ އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، ފުރަތަމަ ހައްޔަރު މީހުންގެ މައްޗަށް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. މި ދެމީހުންގެ ވެސް ކުށުގެ ރިކޯޑް އޮވެ އެވެ. ނުއައިމްއަށް ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ބިރުވެރިކަން އުފެދޭ ގޮތަށް މާރާމާރީގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު 10 މިނެޓުގެ ތެރޭގައި ކުޑަހެންވޭރާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމަށް ވަނީ ހަމަލާދީފަ އެވެ.
ސޮބާއަށް ހަމަލާ ދީފައިވަނީ، މެޗުގެ 82 ވަނަ މިނެޓުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާ ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ހަމަނުޖެހުންތަކުގެ ސަބަބުން އިއްޔެގެ މެޗު ނުނިމެނީސްވަނީ ހުއްޓާލާފައެވެ. މެޗު މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓު ފަހުން މެޗު އޮފިޝަލުން ވަނީ ފަހު 10 މިނިޓް ކުރިއަށް ގެންދިއުމާ މެދު މަޝްވަރާކޮށްފަ އެވެ.
މާރާމާރީ ފެށުނީ ކުޑަ ހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ކުރި ފައުލަކާ ގުޅިގެން އެނަޓޯލީ ގެ އަތުގައި ހިފެހެއްޓުމުން، އަނަޓޯލީ ގަސްދުގައި އޭނާގެ ގައިގައި ޖެހުމުންނެވެ.
ރެފްރީ މުހައްމަދު ޖާވިޒް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑު ދެއްކުމަށް ނިންމުމުން މައްސަލަ ހޫނުވި އެވެ. ރެފްރީގެ ނިންމުންތަކާ މެދު ކުޑަ ހެންވޭރުން މީގެ ކުރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަމަނުޖެހުންތައް ފެތުރެން ފެށުމާއެކު އަމާންކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފުލުހުން ދަނޑުގައި ވަނީ ހަރަކާތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ