ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފަށައިފި

ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފަށައިފި

Author
ހުސެއިން
11 ފެބްރުއަރީ 2024 10:32
0

އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ.

ވާހަކަދެއްކުމުގެ މުބާރާތް ފެށުމުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އުސްތާޛެއްކަމަށްވާ ޙުސައިން ޝާކިރު މުޙައްމަދެވެ. ޙުސައިން ޝާކިރަކީ ދިވެހިބަހާއި އަދަބަށާއި، ވާހަކަދެއްކުންތެރިކަމުގެ ފަންނަށް ވަރަށް ގިނަ ޚިދުމަތްކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ.

މި ރަސްމިއްޔާތުގައި ހުސައިން ޝާކިރު ދެއްކެވި ވާހަކައިގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އެގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކަ ދިރުވާ، އޭގެ ޢިލްމު ޤައުމުގައި އަށަގެންނެވުމަށް، މުބާރާތުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމްކުރާ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ދެއްކެވި ވާހަކައިގައި ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގައި ދިވެހިބަހުގެ އެކެޑަމީއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، މުބާރާތްތައް ބާއްވާނެ ހޯލެއް ނެތުން ކަމަށެވެ. އަޝްރަފް ވިދާޅުވީ އެކެޑަމީން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތައް ބޭއްވުމަށް އެކެޑަމީގެ ހޯލެއް ހުރުން މުހިންމުކަން ފާހަގަކުރައްވަމުން އެކެޑަމީގެ ގޯތި ތެރޭގައި މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ހޯލެއް ހައްދަވާދެއްވުމަށް ޑރ. އަޝްރަފްވަނީ އެދިވަޑައިގެންފައެވެ.

"މިނިސްޓްރީގައި (ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ކިބައިން) އެދޭ އެދުމަކީ ދިވެހިބަހުގެ އެކެޑަމީއަށް ހޯލެއް ހައްދަވައިދެއްވުން. އެކެޑަމީގެ ގޯތި ތެރޭގައި ޖާގަ އެބައޮތް. މިހެންވެ، އެތަނުގައި ހޯލެއް ހައްދަވާދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." ޑރ. އަޝްރަފް ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރަތަކީ ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރިވަރުންތަކެއް އުފެއްދުމާއި، ތަފާތު މައިދާންތަކުގައި ދިވެހިބަހަށް ފަސޭހަކަމާއެކު ވާހަކަދެއްކުންތެރިކަމުގެ ހުނަރާއި ޤާބިލިއްޔަތު ހުރި ވާހަކަދެއްކުންތެރީން އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1985 ވަނަ އަހަރުއެވެ. މިއަހަރު މި ބާއްވަނީ މީގެ 37 ވަނަ މުބާރާތެވެ.

މިމުބާރާތުގައި ގުރޭޑު 7އިން ފެށިގެން ގުރޭޑު 12 އާއި ހަމައަށް ކިޔަވާ ދަރިވަރުން 3 ގިންތިއަކަށް ބަހާލައިގެން ވާހަކަދައްކާނެއެވެ. އަދި މިމުބާރާތުގައި އަމިއްލަ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މިފަހަރުގެ މުބާރާތުގައި އަތޮޅުތަކާއި މާލޭގެ ސްކޫލުތައް ހިމެނޭހެން، 29 ސްކޫލަކުން 312 ދަރިވަރުން ވާހަކަދައްކާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.