ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެ ކަމަށާއި، ދިވެހި ކަނޑުން ގެއްލުނުބައި މިސަރުކާރުން އަނބުރާ ހޯއްދަވާނެކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މުވައުދު ތަކުރާރު ކުރެއްވީ މިއަދު ފާހަގަ ކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކޮށް ދެއްވި ޚިޡާބުގައެވެ.
މިއަދުގެ ޚިޡާބުގައި ރައީސް ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށްދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ހައްގަށް އަބަދުވެސް ނަސްރު ދެއްވާނެކަން ކަމުގައެވެ. އަދި އެއީ ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން، ދިވެހި ކަނޑުން ގެއްލުނުބައި އަނބުރާ ދިވެހީންނަށް ހޯއްދަވާ ދެއްވާނެ ކަމަށާއި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެ ކަމަށެވެ.
އަޅުގަޑުމެންގެ ކާބަފައިން ޕޯޒުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކޮށްފި. އަޅުގަޑުމެންގެ ކާބަފައިން ބޭރުގެ ބާރަަކަށް ނަފާލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅޮހާއި އެހެން ރަށްރަށް އަލުން ދިވެހިންނަށް ހޯދައިދެއްވި. އިރާދަކުރެއްވިއްޔާ އަޅުގަޑުމެން މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނުބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ޚިޡާބުގައި ރައީސް މުއިއްޒު ވިދާޅުވީ ޕޯޗުގީޒުން ލަޝްކަރުތަކާ ހަނގުރާމަކުރެއްވީ އެންމެ ދެތިން މީހަކާއެކީ ވަޑައިގެން ކަމަށާއި، އެ ރަދުން ދެއްކެވި ހިތްވަރާއި ކުރެއްވި ހަނގުރާމަ ވެގެންދިޔައީ ދުޝްމަނުންވެސް ހައިރާން ކުރުވި ޖިހާދަކަށް ކަމުގައެވެ.
ކޮންފަދަ ހަރުދަނާ ޝަޚްސިއްޔަތެއްތޯ! ކޮންފަދަ ފުން ގައުމީ ލޯތްބެއްތޯ! ދިވެހިރާއްޖޭގެ އަގުހުރި ރަސްރަސްކަލުން އަދުގެ ޖީލަށް ދެއްކެވީ މި ނަމޫނާ. ދެއްވީ މި ފިލާވަޅުތައް. އަލިރަސްގެފާނުގެ އަގުހުރި ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުޚާތަބުކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރި ނުވާން އެބަ ގޮވާލާ. ދިވެހިންގެ ސަލާމަތް ދިވެހިން ހޯދަން އެބަ ގޮވާލާ. އަލިރަސްގެފާނުގެ ޖިހާދު މީޑިއާއާ އެބަ މުޚާތަބް ކުރޭ. ޚަބަރު ފަތުރާއިރު، ގައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްތެރިވޭ. ދޮގު ޚަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. އަލި ރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުޚާތަބްކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅާ ނުދާން އެބަ ނަސޭހަތްތެރިވޭ.
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަލީ ރަސްގެފާނުގެ މަތިވެރި ޖިހާދުން އެންމެހާ ސިޔާސީ ފަރާތްތަކަށްވެސް ގޮވާލަނީ ބޭރުގެ ދަހިވެތި ފަރާތްތަކުގެ ފައިބުޑަށް ތިރި ނުވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު ފާހަގަ ކުރެވޭ ފަޚުރުވެރި ޝަހީދުންގެ ދުވަހު އެމަނިކުފާނުގެ އިޚްލާސްތެރި އިލްތިމާސަކީ ގައުމަށް ތެދުވެރިވެ ދީނަށް ހުރުމަތްތެރިކޮށް ހިތާ، ދައުލަތަށް ވަފާތެރި ވުން ކަމުގައެވެ. އަދި ދަރީގެ ކިބައިގައި މި ސިފަތައް ހަރުލެއްވުމަށްވެސް ރައީސް ގޮވާލެއްވިއެވެ.