ދަނޑުގައި ހިންގި މާރާމާރީއާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި

ދަނޑުގައި ހިންގި މާރާމާރީއާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި

Author
ހުސެއިން
10 ފެބްރުއަރީ 2024 09:37
0

މިމަހުގެ 7 ވަނަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗެއްގެ ތެރެއިން ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 21 އަހަރާއި 35 އަަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. ދެމީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، މި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. މި ދެމީހުންގެ ވެސް ކުށުގެ ރިކޯޑް އޮވެ އެވެ.

މި ދެމީހުންގެ ތެރޭގައި ހިމެނޭ އުމުރުން 35 އަހަރުގެ މީހާ ދަނޑުމަތީގައި ހަރަކާތްތެރިވާތަން ފެންނަކަމަށް ކޯޓުއަމުރުގައި ވެއެވެ. އޭނާ ދަނޑަށް އަރާފައިވަނީ އެފްއޭއެމްގެ ހުއްދަ އޮވެގެންކަމަށް ދިފާއީ ވަކީލުން ބުނިނަމަވެސް ކޯޓުގެ އަމުރުގައި ވާގޮތުން އެކަމުގެ ހެކިތައް ދިފާއީ ވަކީލުންނަށް ދެއްކިފައެއް ނުވެއެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު 10 މިނެޓުގެ ތެރޭގައި ކުޑަހެންވޭރާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމަށް ވަނީ ހަމަލާދީފަ އެވެ.

ސޮބާއަށް ހަމަލާ ދީފައިވަނީ، މެޗުގެ 82 ވަނަ މިނެޓުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާ ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ހަމަނުޖެހުންތަކުގެ ސަބަބުން އިއްޔެގެ މެޗު ނުނިމެނީސްވަނީ ހުއްޓާލާފައެވެ. މެޗު މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓު ފަހުން މެޗު އޮފިޝަލުން ވަނީ ފަހު 10 މިނިޓް ކުރިއަށް ގެންދިއުމާ މެދު މަޝްވަރާކޮށްފަ އެވެ.

މާރާމާރީ ފެށުނީ ކުޑަ ހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ކުރި ފައުލަކާ ގުޅިގެން އެނަޓޯލީ ގެ އަތުގައި ހިފެހެއްޓުމުން، އަނަޓޯލީ ގަސްދުގައި އޭނާގެ ގައިގައި ޖެހުމުންނެވެ.

ރެފްރީ މުހައްމަދު ޖާވިޒް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑު ދެއްކުމަށް ނިންމުމުން މައްސަލަ ހޫނުވި އެވެ. ރެފްރީގެ ނިންމުންތަކާ މެދު ކުޑަ ހެންވޭރުން މީގެ ކުރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަމަނުޖެހުންތައް ފެތުރެން ފެށުމާއެކު އަމާންކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފުލުހުން ދަނޑުގައި ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.