އައްޑޫ ސިޓީން ގޯއްޗަށް އެދި ކުރިމަތިލީ، ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލްގެ ނަންބަރު: 426-B(4)/2023/105 ނިންމުމުން ނިންމާފައިވާތީ އާއި އިތުރަށް ދޫކުރާ ގޯތި ދޫކުރާނެ ތަންތަނާއި ގޯތީގެ ސައިޒު ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާ ނަންބަރު: 426-B(4)2023/144 ނިންމުމާއި އެއްގޮތަށް އެ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން، 07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާކަން އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބަންޑާރަ ގޯތި ދިނުމަށް ބިންތައް އެކަށައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އިއުލާންގައި ބުނެފައިވަނީ، މީގެ އިތުރުން، އެއް އަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުޠުހަމަވެ، އެތަނުން ގޯތި ބޭނުންވާ އަވަށް އިޚްތިޔާރު ނުކުރާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެފަރާތެއް ރަށްވެހިވެފައިވާ އަވަށުން ކަމުގައި އާއި އެފަދައިން އެފަރާތްތައް ލިސްޓުގައި ހިމަނައި، ބާކީ ހުރި ލިސްޓުތަކުން އެފަރާތްތަކުގެ ނަންތައް އުނިކުރެވޭނެ ކަމުގައެވެ.
އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 1،000 ގޯއްޗަށް އެދި 4،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 2،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައި ވަނީ ހިތަދޫންއިންނެވެ.
އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެސިޓީގެ 4 ރަށުން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލީ ފާއިތުވި އަހަރުގެ ޖެނުއަރީމަހުގެ ފަހުކޮޅުގައެވެ. އެގޮތުން ހުޅުދޫއާއި މީދޫއިން ކޮންމެ ރަށަކުން 100 ގޯތި ފޭދޫއިން 350 ގޯތި އަދި ހިތަދޫން 300 އާއި 400 ދެމެދުގެ ޢަދަދަކަށް ގޯތި ދޫކުރަން ހުޅުވާލިއެވެ.
33000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫސިޓީގެ 6 ރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮތީ ހިތަދޫގައެވެ. އެރަށުގެ އާބާދީ 16،000 އިން މައްޗެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.