މަޖިލިސް އިންތިހާބު ފަސްކުރާ އިސްލާހު ކޮމިޓީއަށް

މަޖިލިސް އިންތިހާބު ފަސްކުރާ އިސްލާހު ކޮމިޓީއަށް

Author
ހުސެއިން
05 ފެބްރުއަރީ 2024 06:57
0
ރާއްޖޭގައި ރޯދަމަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތް ހަދަން އިދިކޮޅު އެމްޑީޕީގެ ފަރާތުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ، އެ ބިލުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ގައި އިންތިހާބު ބާއްވާށެވެ. އެ ދުވަސް ރޯދަ މަހުގެ ތެރެއަށް ދިމާވާއިރު މިއީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވަން ނިންމި ފުރަތަމަ ފަހަރެވެ. ރޯދަ މަހުގެ ތާރީހެއް ދިމާވީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކާ އެ ދުވަސް ދިމާވެގެނެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި އެ ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމުމަށް ފަހު، ބިލު ބަލައިގަތުމަށް ފާސްވީ އިދިކޮޅު 39 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ސަރުކާރަށް ތާއިދުކުރައްވާ 11 މެންބަރުންނެެވެ.

އެހެންވެ ބިލު ބަލައިގަތުމަށް ފާސްވެއްޖެ ކަމަށް ރިޔާސަތުން އިއުލާން ކުރި އެވެ. އަދި ފަސް މެންބަރުންގެ ކޮމިޓީ އަކަށް ފޮނުވަން ފާސްވި އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޑިމޮކްރެޓްސް އާއި ޖޭޕީ އަދި އެމްޑީއޭ މެންބަރު ތާއީދު ކުރި އެވެ.

އެ ބިލާ ގުޅޭ ގޮތުން ޕީޕީއެމްގެ މެންބަރަކު ވާހަކަ ނުދައްކަވަ އެވެ. އަދި ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވީ އެ ޕާޓީ އާ އަލަށް ގުޅިވަޑައިގަތް ދެ މެންބަރެވެ. އެ ދެ މެންބަރުން ވެސް އެ ބިލަށް ތާއީދު ކުރައްވާ ކަމަކަށް ވިދާޅެއް ނުވެ އެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗު 17،ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.