ރާއްޖޭގެ އީއީޒެޑް 24 ގަޑިއިރު ބެލެހެއްޓޭނެ ޤާބިލްކަން ވަރަށް އަވަހަށް އަސްކަރިއްޔާއަށް ލިބިގެންދާނެ: ރައީސް

ރާއްޖޭގެ އީއީޒެޑް 24 ގަޑިއިރު ބެލެހެއްޓޭނެ ޤާބިލްކަން ވަރަށް އަވަހަށް އަސްކަރިއްޔާއަށް ލިބިގެންދާނެ: ރައީސް

Author
ހުސެއިން
05 ފެބްރުއަރީ 2024 09:11
0

ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި، އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމުގައެވެ. އެގޮތުން އެމަސައްކަތް މިހާރު ފަށާފައިވާކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ޤައުމު އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާ، ދޮންބަންޑާރައިންނާ، ބޮޑުރަސްގެފާނާ، އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒަޢާމަތުގައިވެސް ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރެއްވުމަށް ވަނީ މަސައްކަތްކުރައްވާފައި. ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލަބާރީންނާ ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް.

ތާރީޚުގައި ދިވެހި އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް އިހުގެ ބަތަލުން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅިވިއެވެ.

މިއަދު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު ހިފަހައްޓަވާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާ ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު ކަމުގައެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.