ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި މަސައްކަތަށް ވަޑައިގެން ރައްޔިތުންނަށް ފުރިހަމަ މަސައްކަތެއް ކޮށްދެއްވަން ބޭނުންވާ ކަމަށް ދިރޭތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އައިޝަތު ރަމީލާ މިއަދު ވިދާޅުވެއްޖެއެވެ.
ކެންސަރު ބައްޔަށް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ މަސް ފަހުން ރަމީލާ ވަނީ ރާއްޖެ ވަޑައިގެން އަލުން މަސައްކަތާ ގުޅިވަޑައިގެންފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރަމީލާ ކެންސަރަށް ފަރުވާ ހޯއްދެވުމަށް ވަޑައިގެންފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ.
ރަމީލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނބުރި ގެއަށް ވަޑައިގެން އާއިލާގެ ބޭފުޅުންނާ ބައްދަލުވިކަމަށްޓަކައި މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. އަދި ފަރުވާގެ ކަންކަމުގެ ތެރެއިން ފުރަތަމަ ފޭސްގެ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އުއްމީދަކީ ފަރުވާގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން މިއޮތް މަދު ހަފުތާތަކުގައި އެންމެ ފުރިހަމަ މަސައްކަތެއް ކުރުން،" ރަމީލާގެ ޕޯސްޓުގައިވެއެވެ.
ރަމީލާ ވިދާޅުވީ ނުވަ ހަފްތާ ވަންދެން ކީމޯތެރަޕީ ފުރިހަމަ ކުރެއްވި އިރު، އެހާ ބޮޑު ސައިޑް އިފެކްޓެއް ކުރިމަތި ނުވާ ކަމަށެވެ.
"ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން، ތި ދިން ލޯތްބާއި ހެޔޮ ދުއާތަކަށް،" ރަމީލާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ރަމީލާ ކެބިނެޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17 ގައެވެ.
ވަޒީރަކަށް އައްޔަން ކުރުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވެވިއެވެ. މީގެ ކުރިން އޭނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ