ސަސްޕެންޑްކުރި ޕީއެސް އިސްތިއުފާ ދީފި

ސަސްޕެންޑްކުރި ޕީއެސް އިސްތިއުފާ ދީފި

Author
ހުސެއިން
04 ފެބްރުއަރީ 2024 04:33
0

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަހުމަދު އަލީ މަގާމުން އިސްތިއުފާ ދީފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭނާ މަގާމުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އަހްމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވާތީ އެ ނިންމުން ނިންމެވީ ކަމަށެވެ.

މައުލުމާތު ލިބިފައިވާގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ސައްޕެންޑް ކޮށްފައިވަނީ ޖެނުއަރީމަހުގެ  3 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި އަޙްމަދު އަލީ ސައްޕެންޑް ކޮށްފައިވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއްގެ ސަބަބުންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޕާމަނަންޓް ސެކްރެޓަރީއަކީ އެ މިނިސްޓްރީއެއްގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ އައްޔަނުކުރެއްވީ 2019 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.

ސަރުކާރުގެ އެކި ވަޒީފާތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަހުމަދު އަލީ އަކީ ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޕްރިންސިޕަލްގެ މަގާމާއި ސ. ފޭދޫ އަދި އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަހުމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ ފުރިހަމަކޮށްފައެވެ.

އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވާސިޓީން މާސްޓާ އޮފް އެޑިއުކޭޝަންއިން ސްކޫލް މެނޭޖްމަންޓް ހާސިލުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.