2018ގެ ރިޔާސީ އިންތިޚާބުވަނީ ވަގަށް ނަގާފައި ކަމަށާއި، އެމައްސަލަ މިހާރު ނުބެލިގެން އުޅެނީ ކީއްވެތޯ، ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ސުވާލު ކުރައްވައިފިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި، ޕީޕީއެމްގެ ރައީސްކަމުން އިސްތިއުފާ ދެއްވާ، ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިންވަނީ އެމަނިކުފާނު އުފައްދަވާ ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައިވެސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ.
އެހެންނަމަވެސް ރޭގެ ޖަލްސާގައިވެސް ރައީސް ޔާމިން ވާހަކަ ދައްކަވާފައިވަނީ، ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންނަށް އަމާޒުކުރި ސުވާލުތަކެއްގެ ގޮތުގައެވެ.
ރައީސް ޔާމިން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތީ ވަގަށް ނަގާފައި ކަމަށާއި، އެހެންނަމަވެސް، އެ މައްސަލައިގައި ވެސް ކަންބޮޑުވާ މީހަކު މިހާރު ނެތްކަން ކަމުގައެވެ. އަދި ޔާމީން ވިދާޅުވީ އެ މައްސަލަތައް ނުބަލައި ގައުމުގެ ކުރިމަގު ސީދާ ނުކުރެވޭނެ ކަމަށެވެ.
އަޅުގަނޑަށް ޒާތީ ގޮތުން ދަތިވާ ކަމެއް ނޫން މިހާރު މިއީކީ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ހަމަ ބޮޑު ތަނުން ވަގަށް ނަގާފައި އޮތް އިންތިޚާބެއްކަން ހަމަ ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ވާހަކަދައްކަވަމުން ގެންދެވީ. މިހާރު އެ ވާހަކަތަކުގައި އެއްވެސް ވާހަކައެއް ނެތީ.
ރިޔާސީ އިންތިޚާބު ވަގަށް ނެގިކަމުގެ ވާހަކަތައް އޭރު ދެއްކެވި ބޭފުޅުން މިސަރުކާރުގެ އިސް މަގާމްތަކުގައި ތިބިކަމަށާއި، އެހެންނަމަވެސް އެ ބޭފުޅުން މިހާރު އެވާހަކަ ނުދައްކަވާކަމަށް މޭރުން ކުރައްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.
2018ގެ ރިޔާސީ އިންތިޚާބު "ވަގަށް ނެގި" މައްސަލަ ބަލާ އެކަމުގައި ޝާމިލްވާ މީހުންނަށް މިހާރު އަދަބު ދޭންޖެހޭކަމަށް މޭރުން ކުރައްވަމުން ޔާމިން ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ހިނގާފައި ހުންނަ ބޮޑެތި މައްސަލަތައް ބަލަންޖެހެނީ ކޮންމެހެން މީހަކަށް އަދަބު ދޭން ނޫން ކަމުގައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅުކުރަން މާޒީގައި ހިނގާފައި ހުރި ގޯސްތަކުގެ މައްސަލަ ބަލަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެއްވެސް ބަޔަކަށް އެއީ ކަމަކަށް ނުވޭ، އެކަމަކު ދިވެހިރާއްޖޭގެ ކަންތައްތައް ރަނގަޅުކުރަން ބޭނުންވަންޏާ މިހެންދާ ބޮޑެތި ކަންތައްތައް މުއައްސަސާތަކުގައި ތިބޭ އިސް މީހުން ގާނޫނުތައް އޮޅައިލާފައި އެ މީހުން ބޭނުން ގޮތަކަށް ދައިމަތި އަޅައިގެން ކަންތައްތައް ފުނޑާލަން ޖާގަ ދީފައި، އެ ކަންކަމުގައި އެ މީހުން ޖަވާބުދާރީނުކޮށް ގައުމުގެ ކުރިމަގު ސީދަލެއް ނުކުރެވޭނެ.
ރައީސް ޔާމީން ވިދާޅުވިއެވެ.
2018 ގެ ރިޔާސީ އިންތިޚާބުން ބަލިވިކަން ރައީސް ޔާމިން ގަބޫލު ކުރައްވާފައެއް ނުވެއެވެ. އަދި އޭރުއްސުރެ ވިދާޅުވަމުން ގެންދަވަނީ އެ އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުއާއި މި ސަރުކާރުގެ އިސްވެރިންވެސް އޭރު ވިދާޅުވަމުން ގެންދަވާފައިވަނީ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުމާއި މަކަރު ހަދާފައިވާކަމުގައެވެ.
އެހެންނަމެސް އެއިން އެއްވެސްކަމެއް މިހާތަނަށްވެސް ސާބިތު ކުރެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ