އަޑިއަށް ދިޔަ ޑިންގީއެއް ފެންމަތިކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

އަޑިއަށް ދިޔަ ޑިންގީއެއް ފެންމަތިކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސެއިން
04 ފެބްރުއަރީ 2024 12:58
0
އަޑިއަށް ދިޔަ ޑިންގީއެއް ފެންމަތިކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި ކޯސްޓްގާޑްގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ، ޖަނަވަރީ 27 ވަނަ ދުވަހު، ވިލިމާލެއިން ތިލަފުށްޓަށް ޑިންގީ ކަފުޖަހައިގެން ގެންދިއުމުގެ މަގުމަތީގައި ގުޅީފަޅު ކައިރިން ޑިންގީއަށް ދިޔަވެ އަޑިއަށް ގޮސްގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، އެ ދުވަހުގެ 09:21 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އަޑިއަށް ދިޔަ ޑިންގީ ހޯދުމަށް ކޯސްޑްގާޑްގެ ޑައިވަރުން އެ ދުވަހު ކުރި މަސައްކަތުން، އެ ޑިންގީ ފެނިފައިނުވެއެވެ.
ނަމަވެސް ފަހުން ޑިންގީގެ ވެރިފަރާތުން ސޯނަރ (އަންޑަވޯޓަރ އެކޯ ސައުންޑް) ޑިވައިސްއެއްގެ އެހީގައި އެ ޑިންގީ އޮތް ލޮކޭޝަން ފާހަގަކޮށް، އިތުރު އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންނާއި، ކޯސްޓްގާޑްގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކޮޑްރަންގެ ސިފައިން ވަނީ މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މިއަދު 08:30 އިން ފެށިގެން ޑިންގީ ފެންމަތިކުރުމަށް ސިފައިން ކުރި މަސައްކަތުން މިއަދު ހަވީރު 15:00 ހާއިރު، އެ ޑިންގީ ވަނީ ފެންމަތިކުރެވިފައިވާ ކަމުގައެވެ. އަދި، ވެރިފަރާތާ މިހާރު ވަނީ އެ ޑިންގީ ހަވާލުކޮށްފައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.