މިއަދު ބޭއްވުނު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރި ރައްޔިތުންގެ މަޖިލިހުގެ ކެޔޮދޫ ދާއިރާގެ މިހާރުގެ މެމްބަރު ހުސެއިން ގާސިމަށްވެސް ޕްރައިމަރީ ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
އެގޮތުން މިއަދު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި ހުސައިން ގާސިމަށް ލިބިވަޑައިގެންނެވީ 106 ވޯޓެވެ. އޭނާއާއި ވާދަކުރެއްވި މުހައްމަދު ނިއުޝާދަށް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 113 ވޯޓު ހޯއްދަވައިގެންނެވެ.
މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން ހުސައިން ގާސިމްގެ އިތުރުން މިއަދު ބޭއްވުނު ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ނުކުރެއްވުނު ކެނޑިޑޭޓުންގެ ތެރޭގައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހިމެނެއެވެ.
ރޮޒެއިނާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފައި ވަނީ ފޭދޫ ދެކުނު ދާއިރާއަށެވެ. އިބްރާހިމް ޝަރީފް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފައި ވަނީ މިހާރު ވެސް އޭނާ ފުރުއްވަމުން ގެންދަވާ ކެލާ ދާއިރާއަށެވެ.
މިއަދު ބޭއްވުނު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި، ޓިކެޓް ކަށަވަރު ކުރެއްވި މިހާރުގެ މެމްބަރުންގެ ތެރޭގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އަލިފުށީ ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު (ބިގޭ) އާއި، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއާއި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ