ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކާ ބާއްވަ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލާން ފަށައިފިއެވެ.
މިއަދު ބާއްވާ އެމްޑީޕީގެ އެތެރޭގައި ޕްރައިމަރީ ބާއްވަނީ ބާއްވަނީ 40 ދާއިރާއަކަށެވެ. އެ 40 ދާއިރާއަށް 149 ކެންޑިޑޭޓުން ވާދަކުރާއިރު، 25،325 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާއިރު މާލެ ސަރަހައްދުގައި 27 ފޮއްޓެއް ބަހައްޓަ އެވެ.
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން އެއްވެސް ފަރާތަކުން ކުރިމަތިނުލާ 7 ދާއިރާއެއް އެބައޮތެވެ. އެމްޑީޕީންވަނީ ޕްރިމަރީއަކާނުލާ 46 ދާއިރާއަކުން ޓިކެޓު ދީފައިވެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއަކަށެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ