ހުރިހާ އިންޑިއާ ސިފައިން މޭ 10ގެ ކުރިން ރާއްޖެއިން ދޫކޮށް ދިއުމަށް ވަނީ އެއްބަސް ވެފަ: ފޮރިން މިނިސްޓްރީ

ހުރިހާ އިންޑިއާ ސިފައިން މޭ 10ގެ ކުރިން ރާއްޖެއިން ދޫކޮށް ދިއުމަށް ވަނީ އެއްބަސް ވެފަ: ފޮރިން މިނިސްޓްރީ

ގުޅުންހުރި

ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު (ފެބްރުއަރީ 2) ނިއުދިއްލީގައި ބާއްވާފައިވާ ކަމަށާއި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ދެގައުމުން މަޝްވަރާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ދެގައުމުގެ މެދުގައި ބޭއްވުނު ވާހަކަތަކަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ދެ ފަރާތުން ވެސް އެއްބަސްވީ 10 މާޗް 2024 ގެ ކުރިން "ތިން އޭވިއޭޝަން ޕްލެޓްފޯމް"ގެ ތެރެއިން "އެއް ޕްލެޓްފޯމްގައި" ތިބި ސިފައިންގެ ރާއްޖެއިން ބޭލުމަށާއި، އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިން 10 މެއި 2024 ގެ ކުރިން ރާއްޖެ ދޫކޮށް ދިއުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އަދި ހައިލެވެލް ކޯ ގްރޫޕުގެ ތިންވަނަ ބައްދަލުވުން ފެބްރުއަރީ މަހުގެ ފަހު ހަފުތާގެ ތެރޭގައި ދެފަރާތުން އެއްބަސްވާ ތާރީޚެއްގައި މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެހެންނަަމަވެސް މިއަދު ވާހަކަތަކަށްފަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެފަރާތުންވެސް މަޝްވަރާކުރި ކަމަށެވެ. އޭގެ އިތުރުން، ދިވެހި ރައްޔިތުންނަށް އިންސާނީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ އުޅަނދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް އެކަށައެޅުމަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަމަށް ވިދާޅުވެފައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އެއްވެސް ތާރީޚަކާމެދު އެއްބަސް ވެފައިވާކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ