މަންޑޭގެ މުދާތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު

މަންޑޭގެ މުދާތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު

ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައި ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މުދާތައް ހިފެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައި ކޯޓުން އެ އަމުރު ދަމަހައްޓައިފި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ އުފުލީ މަމްދޫހުގެ އިތުރުން ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާ އުފުލި އެވެ. ޖައިޝާންގެ މައްޗަށް ޖުމްލަ 98 ދައުވާ އުފުލި އެވެ.

އެ މައްސަލާގައި، މަމްދޫހުގެ އަގު ބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް، ހުޅުމާލެ ކޯޓުގެ އަމުރެއްގެ ދަށުން ހިފެހެއްޓީ އެއް އަހަރު ދުވަހަށެވެ. މަމްދޫހުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މުދަލެއް އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމާއި މުދަލެއް ވިއްކުމާއި މުދަލަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގޭ ގޮތަށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ އަމުރަކީ، މަނީ ލޯންޑަރިންގެ ގާނޫނުގައި އޮންނަ އުސޫލުތަކެއް ކަމަށެވެ.

ދަށު ކޯޓަކުން ނެރޭ އެފަދަ ވަގުތީ އަމުރަކާ ގުޅިގެން، ފާހަގަކުރަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކެއް ހިމެނޭ ނަމަ، އެ ކަމެއް ދަށު ކޯޓަށް ހުށަހެޅޭނެ ކަން ވެސް ގާނޫނުގައި ބަޔާންކުރާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ހުށަހެޅި ނުކުތާތަކަކީ އަދި ދަށު ކޯޓުގައި ހުށަހަޅަން ފުރުސަތު އޮތް ނަމަވެސް ހުށަނާޅާ ނުކުތާތަކަކަށް ވާތީ، އެ ނުކުތާތަކުގެ މައްޗަށް ދަށު ކޯޓުގެ އަމުރު ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ހައި ކޯޓުން މި ގޮތަށް ހުކުމް ކުރީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން މަޒީދެވެ.

ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *