އަވަށްޓެރި ސްރީލަންކާއިން ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ކުރަމުންދާ މަސައްކަތާއިމެދު ސަލަފްގެ މެމްބަރު އަލީ ރަމީޒުގެ މުހިންމު ސުވާލުތަކެއް ސަރުކާރަށް އަމާޒުކޮށްފިއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮވެ ސްރީލަންކާގައި މުސްލިމުންނައި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކަށް އެއްޗެކޭ ނުބުނު އެޤައުމުގައި ކޯވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނައުމަކީ އެންމެ ރަނގަޅު ގޮތްތ އަލީ ރަމީޒު ވަނީ ސުވާލުކުރައްވާފައެވެ. އަދި މުސްލިމުންނަކީ އެއްއުއްމަތެއްކަމުގައި ވާއިރު، އަވަށްޓެރި ގައުމެއްގެ މުސްލިމުންނަށް މިފަދަ އަނިޔާއެއް ކުރިމަތިކުރުވިއިރު، މުސްލިމުންގެ ހައްގުގައި މިރާއްޖެއަށް ތެދުވަން ނުކެރުނީ ކީއްވެގެންތޯ އާއި، މުސްލިމުންގެ ހަށިތައް އަންދަން ނިންމި ސަރުކާރުން، އެ ނިންމުން ބަދަލުނުކޮށް، މުސްލިމް އާއިލާތަކުގެ އިހްސާސްތަކަށް އިޚްތިރާމް ކުރުމެއްނެތި، މުސްލިމުންގެ ހަށިތައް އެގައުމުން ބޭރުކުރަން އެދުމުން އެކަމަށް ވާގިވެރިވީ ވަނީ ކީއްވެގެންތޯ އަލީ ރަމީޒު ވަނީ ސުވާލު އުފައްދާފައެވެ.
ކޯވިޑްގައި މަރުވާ ލަންކާގެ ރައްޔިތުން ރާއްޖެއަށް ގެނައުމަށް އާންމު ގިނަ ފަރާތްތަކުންވެސް އުފައްދާ ސުވާލު އަލީ ރަމީޒުވެސް ވަނީ އޭނާގެ ސުވާލުތަކުގެ ތެރޭގައި ތަކުރާރު ކުރައްވާފައެވެ. އެގޮތުން މިކަން ތެޅިފޮޅިގެން ކުރަން ސަރުކާރުން އުޅެނީ، މިކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރަށް ކޮންމަންފާއެއް އޮވެގެންތޯ ސާފުކޮށް ދިނުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށް އަލީ ރަމީޒު ވަނީ ވިދާޅުވެފައެވެ.
ލަންކާއިން ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ ކަންކަން ހަމަޖެއްސުމަށް އެޤައުމުގެ ރައީސް ރާއްޖޭގެ ރައީސްގެ ކިބައިން އެދިވަޑައިގެން ސިޓީއެއް ފޮނުވާފައިވާކަމަށް ސަރުކާރުން ބުނާއިރު، ލަންކާގެ ބައެއް ނޫސްތަކުން ބުނަމުންދަނީ މިކަމަށް އެދިފައިވަނީ ދިވެހި ސަރުކާރުންކަމަށެވެ. މިމަޝްވަރާއް މިހާރު ކުރަމުންދާއިރު، މިކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
ލަންކާ ސަރުކާރުން އެދިފައިވާ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމާއި ގުޅޭ ދާއިރާތަކާއި އެކު ރައީސް މަޝްވަރާކުރައްވަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ކޯވިޑަށް ޖެހިގެން މަރުވާ މީހުން އެއްވެސް ދީނަކަށް ބެލުމެއްނެތި އަންދާލުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ލަންކާގައި ކޯވިޑްޖެހިގެން މަރުވާ މުސްލިމުނެގެ ހަށިތައް އަންދާލަން ނިންމާފައިވާ ނިންމުން ވަނީ މަޑުޖައްސާލާފައެވެ.
ކޮމެންޓު ފޮނުވާ