ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ޚާއްސަ ހެލިކޮޕްޓަރ ޚިދުމަތް ފަށަނީ

ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ޚާއްސަ ހެލިކޮޕްޓަރ ޚިދުމަތް ފަށަނީ

Author
ހުސެއިން
28 ޖެނުއަރީ 2024 06:31
0

ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަކަށް ޚާއްސަ ހެލިކޮޕްޓަރ ޚިދުމަތް ފަށަން ސަރުކާރުން ނިންމާފައިވާކަން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ، މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކެބިނެޓްގެ ނިންމުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރގެ ޚިދުމަތް އަލުން ފަށަން ސަރުކާރުން ނިންމީ ވަޒީރުންގެ މަޖިލިހަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.

އޭނާ ވިދާޅުވީ މި ކަރުދާހުގައިވާ 6 ކަމަކާއި ގުޅޭގޮތުން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ގޮތްތަކެއް ނިންމަވާފައި ވާކަމުގައެވެ. އޭގެ ތެރޭގައި ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް ޚާއްސަކޮށް ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ލިކޮޕްޓަރު މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މި ދާއިރާގެ ތަޖުރިބާކާރަކު، ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓްރީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އިތުރަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން.

ނާޒިމް ވިދާޅުވިއެވެ.

ނާޒިން ވިދާޅުވީ ހަމައެއާއެކު، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އެންޑް އޯގަނައިޒޭޝަންގެ ސްޓޭންޑަޑްތަކާ އެއްވަރަށް ދިވެހި ވައިގެ ދަތުރުފަތުރުގެ ސިނާއަތް ގެނައުމަށްޓަކައި އެކުލަވާލާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ އާ ބިލާއި، މި ސިޔާސަތުގެ ދަށުން ގެންނަން ޖެހޭ އެއްވެސް ބަދަލެއް އޮތްތޯ ބެލުމަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެނެސް މަޖިލިހަށް އަލުން ހުށަހެޅުމަށްވެސް މިއަދުގެ ކެބިނެޓްގައި ނިންމާފައިވާ ކަމުގައެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ގާއިމުކުރަން ޖެހޭ ނަމަ، ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.