ބޮލީވުޑް އަށް އައު މޫސުމެއް އައިސްފައިވާ ކަހަލައެވެ. ކުރީގެ ގިނަ ތަރިންތަކެއް އެނބުރި ބޮޑު ސްކްރީނަށް އައިސް ބޮލީވުޑަށް އަތްގަދަ ކުރަމުން އަންނަ މި ދަޑިވަޅުގައި އިތުރު ކުރީގެ ބަތަލާއަކު އެނބުރި އަންނަން ތައްޔާރު ވެފައިވާކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ބޮލީވުޑްއަށް އެނބުރި އަންނަން އުޅޭކަމަށް ނޫސްތަކުން ބުނަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާއެވެ. އެމެރިކާ މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި މިހާރު އާންމުކޮށް ދިރިއުޅެމުން އަންނަ 48 އަހަރުގެ ބަތަލާ އެނބުރި އެކްޓިން އަންނަން ހަމަޖެހިފައިވާ ފިލްމަކީ އަންނަ މަހު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ސަނީ ޑިއޯލްގެ "ލާގޯރު: 1947″ ކަމަށެވެ.
މިއީ ޕްރިތީއާ އެކީ 2003 ގެ "ދިލް ޗާތާ ހޭ" ކުޅުނު އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން "ލާހޯރު: 1947″ ގެ ޝޫޓިން އަންނަ މަހުގެ 2 ގައި ރަސްމީކޮށް ފަށާނެ އެވެ.
ކައިވެންޏަށް ފަހު ބޮލީވުޑް އިން 'ގެއްލިފައިވާ' ބަތަލާ ސަނީއާއި އެކުގައި އެނބުރި އަންނަ އިރުގައި ސަނީ އަކީވެސް ފިލްމީ ދާއިރާ އާއި ދުރުގައި އަހަރުތަކެއް ވަންދެއް ހުރުމަށް ފަހު މިދިއަ އަހަރު އަލުން އެނބުރި އައި އެކްޓަރެކެވެ.
އޭނާ އެނބުރި އައުން ފާހަގަ ކުރި ފިލްމް އަކީ "ގަދަރް2″ އެވެ. އެފިލްމް ވެގެން ގޮސްފައިވަނީ މިދިއަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ތެރެއިން އެއް ފިލްމްއަށެވެ.