ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީން މިއަދު ތައްޔާރު ވަމުން އަންނައިރު، މި ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ނު ދިނުމަށް ދަޑިމޮކްރެޓްސް ވަނީ ނިންމާފަ އެވެ.
ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެ، އެގޮތަށް އަމަލު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ މަޝްވަރާ އަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީންނެވެ.
ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމާ އެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވި މެމްބަރުން އުފެއްދި ދަ ޑިމޮކްރެޓްސްއިން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި އެކުގައި މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.
ޑިމޮކްރެޓްސް އިން އެގޮތަށް ބުނި ކަމުގައި ވިޔަސް، ރުހުން ނުދޭން ނިންމި ވަޒީރުން ސާފެއް ނޫނެވެ. މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު އޮންނަ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.
މިހާރު މަޖިލިހުގެ ކޮމްޕޮޒިޝަން އެކުލެވިގެންވާ ގޮތް:
- އެމްޑީޕީ: 44 މެމްބަރުން
- ކޮންގްރެސް ޕާޓީ: 14 މެމްބަރުން
- ދަ ޑިމޮކްރެޓްސް: 13 މެމްބަރުން
- ޕީޕީއެމް: 2 މެމްބަރުން
- އެމްޑީއޭ: 2 މެމްބަރުން
- ޖުމްހޫރީ ޕާޓީ: ދެ މެމްބަރުން
- އަމިއްލަ ގޮތުން: 3 މެމްބަރުން
ކޮމެންޓު ފޮނުވާ