ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސް އިން ނިންމައިފި

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސް އިން ނިންމައިފި

Author
އަހުމަދު
28 ޖެނުއަރީ 2024 08:57
0

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެ، އެގޮތަށް އަމަލު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ މަޝްވަރާ އަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސް އިން އެގޮތަށް ބުނި ކަމުގައި ވިޔަސް، ރުހުން ނުދޭން ނިންމި ވަޒީރުން ސާފެއް ނޫނެވެ. މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު އޮންނަ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ޑިމޮކްރެޓްސް އިން ބުނީ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން ކަމަށް ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.