ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ އާ ފިލްމު އިއުލާންކޮށްފި އެވެ.
މި ފިލްމް އިއުލާން ކޮށްފައިވަނީ ފިލްމް ގެ ކާސްޓާއި އެކުގައި ނަމަވެސް ފިލްމް އާއި ގުޅޭގޮތުން މާގިނަ މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. އަދި ފިލްމް ގެ ޝީޓީން ޝެޑިއުލް ތަކުގެ އެއްވެސް ތަފްސީލެއްވެސް ނެތެވެ.
އަންނަ އަހަރުގެ ޑިސެމްބަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭން އިއުލާން ކޮށްފައިވާ މި ފިލްމްގެ ޝައުގުވެރިކަން ބޮޑަށް ދަމައި ގަންނަނީ ކާސްޓުގެ ސަބަބުންނެވެ. އެގޮތުން މީގެ ކާސްޓުގައި ހިމެނެނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް އެވެ. މި ތިން ތަރިންނަކީވެސް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ތިން ތަރިންނެވެ.
މީޑިއާތަކުން ރިޕޯޓްކުރި ގޮތަށް ޒަމާނީގެ ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ ފިލްމަކީ ވަރަށް ޝައުގުވެރި ފިލްމް އަކަށް ވާނެ ކަމަށް ބެލެވެއެވެ. އަނެއް ކޮޅުން ވިކީ އަކީ ރަންބީރުގެ ކުރީގެ ލޯބީވެރިއާ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާއެވެ.
މިއީ އާލިއާ އާއި އެކުގައި ވިކީ ކުޅޭ ފުރަތަމަ ފިލްްމް ކަމުގައި ވިޔަސް ރަންބީރު އާއި އެކުގައި މީގެ ކުރިން ވަނީ ވިކީ ފިލްމްއެއްގެ މަސައްކަތް ކޮށްފައިއެވެ. އެއީ 2018 ވަނަ އަހަރުގެ ފިލްމް ސަންޖޫއެވެ.