އެމްޑިޕީއާއި ޑިމޮކްރެޓްސްގެ މައިގަޑު 3 އަމާޒެއް، މަޖިލިހުގެ އަދަދާއި، ކުންފުނިތައް އިސްލާހު ކުރުމާއި، ސިޔާސީ މަގާމްތައް!

އެމްޑިޕީއާއި ޑިމޮކްރެޓްސްގެ މައިގަޑު 3 އަމާޒެއް، މަޖިލިހުގެ އަދަދާއި، ކުންފުނިތައް އިސްލާހު ކުރުމާއި، ސިޔާސީ މަގާމްތައް!

Author
ހުސެއިން
24 ޖެނުއަރީ 2024 09:13
0

ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި އިގްތިސާދީ ހާލަތަށް ކުރިމަތިވާ ގެއްލުންތައް ފަދަ އެންމެހައި ގެއްލުންތައް ދެނެގަނެ ގޮތްތައް ކަނޑައަޅައި އެކަންކަން ހެޔޮ މަގަށް އެޅުވުމަށް ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުހަނު ބޮޑުކަމަށްވީހިނދު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް އެކުގައި ސާބިތުވެ ތިން ކަމަކަށް އެއްބަސް ވެފައިވާކަމަށް، ދެ ޕާޓީން ނެރުނު ގުޅިފައިވާ ނޫސް ބަޔާނެއްގައި ބުނެފިއެވެ.

އެގޮތުން ދެ ޕާޓީން މިއަދު އެއްބަސްވެފައިވާ ކަންކަމަކީ:

  1. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުން ދިއުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ސައިޒު އިންތިހާއަށް ބޮޑުވަމުންދާ ދިއުމަށް ހައްލު ގެނެސް، އިންތިހާބީ ދާއިރާތަކާއި މެމްބަރުންގެ އަދަދު ކުޑަކޮށް އަދި ވަކި މިންވަރެއްގައި އެ އަދަދު ހިފެހެއްޓުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  2. ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިޔުލޭޓްކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  3. ޒިންމާދާރު ނޫންގޮތަށް ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓްކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.

ދެ ޕާޓީން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، މަތީގައި ބަޔާންކުރި މައިގަނޑު ކަންކަން ހާސިލުކުރުމަށް ގާނޫނުއަސާސީއަށާއި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކުވެ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ފުރަތަމަ ކަމެއްގެ ގޮތުގައި މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައިވާ ކަމުގައެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެކުގައި މިއަދު ވަނީ އެކަމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާރޕާސަން އަދި ކުރީގެ ވަޒީރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ލަޠީފާއި ޕާޓީގެ ޕާރލަމެންޓްރީ ގްރޫޕް ލީޑަރު ޢަލީ އާޒިމް ބައިވެރިވެވަޑައިގެން ދެ ޕާޓީގެ އިތުރު ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވައިފައެވެ.

އެގޮތުން އެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަންކަން ތިރީގައި މިވަނީއެވެ:

  • ސަރުކާރުގެ ހާރިޖީ ސިޔާސަތު އަމާޒުހިފާފައިވާ ގޮތާމެދު: މިހާރުގެ ސަރުކާރުން އިންޑިއާ އާ ދެކޮޅުވެރި ސިޔާސަތު ގާއިމުކުރަމުންދާކަމުގެ ކަންބޮޑުވުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ފާޅުކުރިއެވެ. މި ރާއްޖޭގެ އެއްވެސް ތަރައްގީގެ ބައިވެރިއަކާ، ހާއްސަކޮށް، އިންޑިއާ ފަދަ ރާއްޖޭގެ އެންމެ ޒަމާންވީ އެކުވެރި ގައުމަކާ ދުރުވުމަކީ ރާއްޖޭގެ ދެމެހެއްޓެނެވި ތަރައްގީއަށް އިންތިހާއަށް ގެއްލުން ބޮޑުވާނޭ ކަމެއްކަމުގައި މި ދެ ޕާޓީން ގަބޫލުކުރެއެވެ. ދިވެހިރާއްޖެއިން އެންމެ ކުރިއްސުރެ އަމަލުކުރަމުން ދިއަގޮތަށް، ދިވެހިންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާ، ތަރައްގީގެ ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރަން މިހާރުގެ ސަރުކާރަށް އެނގެންވާނެކަމަށް ދެ ޕާޓީން ގަބޫލުކުރާކަމަށް ބުނެފައި ވެއެވެ. އިންޑިއާ ކަނޑުގެ ސެކިއުރިޓީއާއި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އިންތިހާއަށް މުހިއްމު ކަމެއްކަމުގައި ވެސް މި ދެ ޕާޓީން ގަބޫލުކުރާކަމަށް ބުނެފައި ވެއެވެ. 
  • ދައުލަތަށް އަލަށް ލިބޭނޭކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި އާމްދަނީ ކަނޑަނާޅައި، ސަރުކާރުން ކުރާނޭ ހަރަދުގެ ގޮތުގައި ހަރަދުތައް ކަނޑައަޅަމުންދާ ދިއުމާމެދު ވެސް ދެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
  • ގައުމުގެ މާލީ ހާލަތާ މެދު ދެފުށްފެންނަ އުސޫލުން ސަރުކާރުން ކަންކަން ހާމަނުކުރުމުގެ ކަންބޮޑުވުން އޮތްކަން ވެސް ދެ ޕާޓީން ފާހަގަ ކުރެއެވެ.
  • ސަރުކާރުން އެމްއޯޔޫތަކާއި އެގްރީމެންޓްތަކުގައި ސޮއިކުރަމުންދާއިރު ދެފުށްފެންނަ އުސޫލުން އެކަން ކުރަމުންނުދާކަމުގެ ކަންބޮޑުވުން މި ދެ ޕާޓީން ފާޅުކުރިއެވެ. އޭގެ ތެރޭގައި ބޭރުގެ ފަރާތްތަކާމެދު ވަމުންދާ އެއްބަސްވުންތައް ވަކިން ހާއްސަކޮށް ފާހަގަކުރިއެވެ. 
  • މާލޭގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްކުރަމުންދާ ދިއުމާމެދު ދެޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ.
  • ހައްދެއް ނެތް މިންވަރަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުންދާދިއުމާ މެދު ވެސް ދެޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ.
  • މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލުތައް ސަރުކާރުން ކުރަމުންދާދިއުމާމެދު ދެޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ.

ދެޕާޓީން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ދެ ޕާޓީއިންވެސް ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ އިސްވެ ދެންނެވުނު ކަންކަމުގައި ސަރުކާރުން އަމަލުކުރަމުން އަންނަގޮތް ރަނގަޅުކުރުމަށާއި، ގައުމާއި ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައިވާ އެންމެހާ ކަންކަން ސީދާ މަގަށް އެޅުވުމަށް މުހިންމު ދައުރެއް އަދާކުރާ ދައުލަތުގެ ބާރެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.