ލަންކާގައި މަރުވާ މީހުން ގެނެސް ވަޅުލަން އުޅެނީ މާލީ މަންފާތަކެއް ހޯދަން: މުއާޒު

ލަންކާގައި މަރުވާ މީހުން ގެނެސް ވަޅުލަން އުޅެނީ މާލީ މަންފާތަކެއް ހޯދަން: މުއާޒު

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 07:34
0

އަވަށްޓެރި ސްރީލަންކާއި ކޯވިޑް19 ގައި މަރުވާ މުސްލިމު ރައްޔިތުން ރާއްޖެ ގެނެސް ވަޅުލަން އުޅެނީ ސަރުކާރަށް މާލީ މަންފާތަކެއް ހޯދުމުގެ ބޭނުމުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ލަންކާގައި ކޯވިޑް19 ގައި މަރުވާ މުސްލިމުން އަންދާލާތީ އެމީހުން ރާއްޖެ ގެނެސް ވަޅުލުމާއި ގުޅޭގޮތުން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާއިރު، މިކަމުގައި ގިނަބައެއްގެ ކަންބޮޑުވުންތަކެއް ދަނީ ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުންވެސް މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާ މީހުންވެސް މަދެއްނޫނެވެ.

ލަންކާގައި ކޯވިޑް19 ގައި މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ހަގީގީ ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، މިކަމާއި ގުޅިގެން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މިއީ ސަރުކާރުން ވަރަށްބޮޑު މާލީ މަންފާއެއް ހޯރުމަށް ކުރާ ކަމެއްކަމަށެވެ. ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން ކުރާ ކޮންމެކަމެއްވެސް މިއަދު ބައްޓަން ކުރަމުންދަނީ މާލީ މަންފާއެއް ލިބޭ ގޮތަށް ރައްޔިތުންނަށް އެކަމުން އެއްވެސް ފައިދާއެއް ނުވާގޮތަށް ކަމަށެވެ. އަދި ކޯވިޑަކީ ސަރުކާރަށް ލިބިފައިވާ ވަރަށްބޮޑު ވިޔަފާރިއަކަށް މިއަދު ހަދާފައިވާކަމަށެވެ.

ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ލަންކާފައި ކޯވިޑްގައި މަރުވާ މުސްލިމުން ވަޅުލަން އެދިފައިވަނީ ދިވެހި ސަރުކާރުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.