ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމާއިގުޅޭ މަޝްވަރާތައް ކޮށްފި

ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމާއިގުޅޭ މަޝްވަރާތައް ކޮށްފި

Author
ހުސެއިން
24 ޖެނުއަރީ 2024 10:27
0

ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމާއިގުޅޭގޮތުން މަޝްވަރާތައް ކޮށްފިއެވެ. މި މަޝްވަރާތައް ކުރީ ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޖޯން-ފްރާންސުއާ ޕަކްޓެ ފޮރިން މިނިސްޓަރ އަލްފާޟިލް މޫސާ ޒަމީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޒަމީރު ވަނީ ސަފީރު ޕަކްޓެ އަށް މަރުހަބާ ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތް ކޮށް، އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމަށާއި، މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ދާ މަޝްރޫޢުތައް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލައްވާފައިވެއެވެ.

 މީގެއިތުރުން، މިނިސްޓަރ ޒަމީރު އާއި ސަފީރު ޕަކްޓެ ވަނީ  އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެއްބާރުލުން ދިނުމަށާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އަލިއަޅުވާލާފައެވެ. އަދި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މަހުގެ ބާވަތްތަކުން އީ.ޔޫގެ ޤައުމުތަކުން ނަގަމުން އަންނަ ޓެކުހަށް ލުޔެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާއި މެދު ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި، ކުދި ޖަޒީރާ ޤައުމުތަކާއި، ކަނޑުތަކާއި، ބަޔޯޑައިވާރސިޓީއާ ގުޅުންހުރި ކަންކަމުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން  އިތުރުކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ.

 މިބައްދަލުވުމުގައި، ޖުމްލަ ގޮތެއްގައި، މިނިސްޓަރ ޒަމީރު ވަނީ ފަރަންސޭސިވިލާތާއި ގުޅިގެން އިތުރު މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތަކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރު ފަކްޓެ ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކުމުގެ ޔަޤީންކަން .މިނިސްޓަރ ޒަމީރަށް އަރުވާފައެވެ.

 މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައި ވަނީ ސެކްރެޓަރީ ބައިލޭޓަރަލް، ޑރ. ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޝިއުނީން ރަޝީދު އަދި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.