ދާހިލީ ހަނގުރާމަ ކުރާ އިސްކާމީ ބައެއް ގައުމުތަކަށް ޖިހާދުގެ ނަމުގައި ދިޔުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދިވެހި ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފިއެވެ.
މިއަދު ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ދާހިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ދިވެހީންގެ މަދުބަޔަކު ދާކަން ފާހަގަވެފައިވާކަމަށެވެ.
އަދި މިކުރީގެ އިލްމުވެރިންވެސް މިހާރުގެ އިލްމުވެރިންވެސް އެކަން ހުއްދަ ނޫންކަމަށް ބުނެ ފަތުވާ ނެރެފައިވާކަން ބަޔާން ކުރައްވަމުން ފަތުވާ މަޖިލިހުން އާންމު ކޮށްފައިވާ ފަތުވާގައި ބުނެފައިވަނީ މުސްލިމުންނާއި މުސްލިމުން ހަނގުރާމަ ކުރުމަކީ ކީރިތި ރަސޫލާ ﷺ ހަރާމް ކުރައްވާފައިވާކަމެއްކަމަށް ކީރިތި ރަސޫލާ ﷺ ގެ ސަރީހަ ބަސްފުޅުން ސާބިތުވާ ކަމަށެވެ.
ފަތުވާގައި ބުނެފައިވަނީ އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އިސްމާމީ އިއްމަތާ ކުރިމަތިވެފައިވާ ފިތުނައެއް ކަމުގައެވެ. އަދި ފިތުނައެއް ކުރިމަތިވުމުން ކަން ކުރާންވީގޮތް ރަސޫލާ ވަރަށް ސާފުކޮށް ބަޔާން ކޮށްދެއްވާފައިވާކަމަށްވެސް ފަތުވާގައި ވިދާޅުވެފައި ވެއެވެ. އެގޮތުން އެކަމުން ސަލާމަތްވުމަށް އެދި ދުއާ ކުރުމާއި، އެކަމަށް ކެތްތެރިވުމާއި، ބައިބައި ނުވުމާއި، އުއްމަތުގެ ވަހުދަތަށްޓަކާ މަސައްކަތް ކުރުންފަދަ ކަންކަ ހިމެނޭކަމަށްވެސް ފަތުވާގައި ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން، އިސްލާމީ ގައުމެއްގެ ތެރޭގައި ޖެހިފައިވާ ހަމަނުޖެހުމަކީ އެހެން ފަރާތަކުން އިސްލާމީ އުންމަތް ބައިބައިކުރުމުގެ ނިޔަތުގައި ރޭވިގެން އުފައްދާފައިވާ ފިތުނައިގެ ސިލްސިލާބޮޅެއް ކަމަށާއި އެހެންކަމުން، އިސްލާމް ދީނުގެ ދުޝްމަނުންގެ މަގްސަދު ހާސިލްކުރުމަށް ހިތްވަރުދޭ ބަޔަކަށް ދިވެހިން ނުވުމަށް އެ މަޖިލީހުން އިލްތިމާސް ކޮށްފައިވެއެވެ.
އަދި ދާހިލީ ހަނގުރާމަ ހިނގާ ސޫރިޔާ ފަދަ ޤައުމުތަކުގައި އިސްލާމީ ޤައުމުތަކާ ދެކޮޅަށް ރޭވިގެން ހިންގޭ ސިލްސިލާ މުއާމަރާތުތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން ތިބޭ ކަމަށާއި އެފަދަ ހަމަނުޖެހުންތަކުގައި ބައިވެރިވާން ދިއުމަކީ މުސްލިމުންގެ ދުޝްމަނުންނަށް އެ ޤައުމުތަކުގެ ކަންކަމާ ބެހުމަށް ދޮރުހުޅުވޭ ކަމެއްކަމަށް ފަތުވާ މަޖިލީހުން ފާހަގަކުރިއެވެ.
ފަތުވާގައި ވިދާޅުވެފައިވަނީ ޖިހާދަށް ދެވޭނީ ޝަރުތުތަކެއް ހަމަވެގެންކަމުގައެވެ. އެގޮތުން ޖިހާދަށް ދެވޭނީ ވަލިއްޔުލްއަމްރުގެ ހުއްދިއިގެ އިތުރުން މައިންބަފައިންގެވެސް ހުއްދަ އޮވެގެން ކަމުގައި ވަތުވާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ