ސުބްރަމާނިޔަންގެ ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

ސުބްރަމާނިޔަންގެ ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

Author
ހުސެއިން
15 ޖެނުއަރީ 2024 07:36
0

އިންޑިއާހެ އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ރާއްޖެ އަރާ ރާއްޖެ ހިފަން އިންޑިއާގެ ކުރީގެ މެމްބަރު ސުބްރަމާނިޔަން ސްވާމީ ގޮވާލި ގޮވާލުން އިދިކޮޅު ޕާޓީ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އިސްލާމް ދީނާއި ދެކޮޅަށްވެސް ޓުވީޓު ކުރުމަށް މަޝްހޫރު، ބީޖޭޕީ ސަރުކާރުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ސުބްރަމާނިއަމް ސުވަމީ ވަނީ ރަޖީވް ގާނދީ އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވި ފަދައިން އިންޑިއާ ސިފައިން ފޮނުގައިގެން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން ނުވޭތޯ ސުވާލު އުފައްދާފައެވެ.

ސުބްރަމާނިއަމް ސުވަމީއަކީ ބީޖޭޕީ ސަރުކާރުގެ ކުރީގެ ވަޒީރެއްގެ އިތުރުން 6 ދައުރު އިންޑިއާގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތެއްވެސް މެއެވެ.

ސުބްރަމާނިއަމް ސުވަމީގެ އެކްސް ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، އަންނަ މާރޗަމަހުގެ 15ގެ ކުރިން ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަންގާފައިވާ ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު، ރާއްޖެއިން އިންޑިއާގެ މޫނުމައްޗަށް "ބޭވަފާތެރި ރާއްޖެއިން" ޖެހި ކިސަޑު ސާފު ކުރާނީތޯ ނުވަތަ ރަޖީވް ގާނދީފަދައިން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައިގެން ރާއްޖޭގަ އޮތް ގާނޫނީ ސަރުކާރު ބަދަލުކުރާނީތޯ ސުވާލު ކުރައްވާފައެވެ.

ސުބްރަމާނިޔަންގެ ޓުވީޓާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ބަޔާނެއްގެ ސަބަބުން ނަފްރަތު އުފެދި އޭގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.

އަދި އޭނާގެ ވާހަކަތަކަކީ ޢައިރު ޒިންމާދާރު ވާހަކަތަކެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ޤާއިމްވެފައި އޮތީ ދެގައުމުންވެސް އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޚުތިރާމްގެ މައްޗަށް ކަަމަށެވެ.

ސުބްރަމާނިޔަންގެ އެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭ ވާހަކަތަކެއް ނޫން ކަަމަށް ބަޔާން ކުރަމުން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ އެތެރޭގެ ސިޔާސީ މައްސަލަ ތަކުގައި ރާއްޖެ ޝާމިލް ކޮށްގެން ނުވާނެ ކަމުގައެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި މެދު ރައީސް މުއިއްޒުގެ ވާހަކަތައް ބެހެއްޓެވި ގޮތުން ސުބްރަމާނިއަން ފަދަ މީހުންނަށް އެކަމުގެ ނާޖާއިޒް ފައިދާ ހޯދަން މަސައްކަތް ކުރަން ފުރުސަތު ލިބިދީފައިވާ ކަމަށެވެ.

އަދި އެމްޑީޕީން ބުނެފައިވަނީ އެހެންނަމަވެސް އޭނާގެ ވާހަކަތަކާމެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމުގައެވެ.

އިންޑިއާގެ އިސް ފަރާތަކުން ރާއްޖޭގަ އޮތް ގާނޫނީ ސަރުކާރު ބަދަލުކުރަން ގޮވާލާފައިވާއިރު، ރާއްޖޭގެ ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ދެގައުމުގެ މެދުގައި އުފައްދާފައިވާ ހައިލެވެލް ކޯރ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން އިއްޔެ މާލޭގައި ވަނީ ބާއްވާފައެވެ.

އަދި އިއްޔެ އިންޑިއާއާއި ރާއްޖެއާ ދެމެދުން ބޭއްވުނު ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅިވެފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައި ވާކަމުގައެވެ.

އެހެންނަމަވެސް ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވާކަ ނުގެނެސް ވިދާޅުވެފައިވަނީ އިންޑިއާގެ ވައިގެ ޕްލެޓްފޯމްތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އަދި ސިއްޙީ އެހީތެރިކަން އިތުރަށް ފުރިހަމަކަށް ކުރިޔަށް ގެންދިއުމުގައި ދެފަރާތަށް އެއްބަސްވެވޭ ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.