ކޯވިޑްގައި ލަންކާއިން މަރުވާ މުސްލިމުން އެޤައުމުގައި ވަޅުމުގެ ފުރުސަތު ލިބެންވާނެ

ކޯވިޑްގައި ލަންކާއިން މަރުވާ މުސްލިމުން އެޤައުމުގައި ވަޅުމުގެ ފުރުސަތު ލިބެންވާނެ

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 10:27
0

ކޯވިޑް-19 ގައި ލަންކާގައި މަރުވާ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު، ލަންކާ ސަރުކާރުކާރުން ދެއްވަންޖެހޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ލަންކާގައި މަރުވާ މުސްލިމުން އަންދާލުމާއި ދެކޮޅަށް އެޤައުމުގައި ބޮޑެތި އިޚްތިޖާޖުކޮށް، އެކަމާއި ދެކޮޅަށް އަޑު އުފުލުމާއި ގުޅިގެން ލަންކާ ސަރުކާރުން ދަނީ ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންނެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވެފައިވާއިރު، މިކަމުގައި އަދި ސަރުކާރުން ނިންމާ ނިންމުމެއްވެސް ހާމަކޮށްފައި ނުވެއެވެ.

ލަންކާ އިން ކޯވިޑް-19 ގައި މަރުވާ މުސްލިމު ރައްޔިތުން އަންދާ ނުލައި ވަޅުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ޑރ.ޝަހީމް ވިދާޅުވީ ކޯވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެކަމަށެވެ. އެއީ އިންސާނީ، އަދި ޢަޤީދާއާ ގުޅުންހުރި ދީނީ ޙައްޤެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ. އެއީ އިންސާނީ، އަދި ޢަޤީދާއާ ގުޅުންހުރި ދީނީ ޙައްޤެއް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ ޑރ.ޝަހީމް ވިދާޅުވީ މުސްލިމުންނާއި އެހެނިހެންވެސް އިންސާނުންގެ އަސާސީ ޙައްޤުތައް ހޯދައިދޭން އެޤައުމެއްގެ ޤާބިލުކަންހުރި މިންވަރުން ކޮންމެ ޤައުމަކުން ވެސް ވަކާލާތު ކުރަންވާނެކަމަށެވެ. އަދި އެއްވެސް ގޮތަކުން ޙައްޤު ހޯދައިދޭން ދަތިވެއްޖެ ނަމަ، މުސްލިމުންގެ ހަށިތައް އެނދިޔަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ޤައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކޭކަމަށެވެ. ޝަހީމް ވަނީ މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށް ބުނެ އެފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.