ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

Author
އަހުމަދު
29 ޖޫން 2026 03:55
0

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.

މި އިސްލާހުގެ ދަށުން، ސިނގިރޭޓާއި ބިޑި އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން މިހާރު ނަގަމުންދާ 50 ޕަސެންޓްގެ އެޑްވެލޮރަމް ޑިއުޓީ 30 ޕަސެންޓަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވަކިން ކޮންމެ ސިނގިރޭޓަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އެންމެ ފަހުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްފައިވަނީ ނޮވެމްބަރު 2024 ގައެވެ. އެފަހަރު ވަނީ ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ބަދަލުތަކުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ޕެޗު ފަދަ ބާވަތްތަކުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށްވެސް މި ފާސްކުރި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.