ޒިންމާދާރު އަދި ވާދަވެރި އިދިކޮޅު ޕާޓީއެއް ނެތްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވާ ވިދާޅުވުމަށް ތާއީދުކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ވަނީ މުޅިން ނުކުޅެދިފައި ކަމަށެވެ. އަދި ވެރިކަން ކުރަން އުނދަގޫވާ ވަރުގެ އެއްވެސް ޕްރެޝަރެއް ނުވަތަ މުޒާހަރާއެއް އިދިކޮޅު ފަރާތްތަކަށް މިހާރު ނުކުރެވޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވާހަކަފުޅަކީ ތެދުފުޅެއް ކަމަށާއި، އެއީ ސީދާ އެމްޑީޕީއަށް އަމާޒުކޮށް ދައްކަވާ ވާހަކަފުޅެއްކަމަށް ޔާމީން ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަންކަން ލިބިވަޑައިގެންފިނަމަ ރައީސް މުއިއްޒު އޮންނަވަން ޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައިކަމަށް ނަޝީދު ކެމްޕޭނު ތެރޭގައި ވިދާޅުވެފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ. އެކަމަށް ރައްދު ދެއްވައި ޔާމީން ވަނީ، މިއަދު މުންޑު އަނދެގެން ގޭގައި އޮތީ ކާކުތޯ އައްސަވައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިދިކޮޅުގެ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނާއި ޕީއެންއެފްގެ ސަޕޯޓަރުންނަކީ އެއްވެސް އިރެއްގައި މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް ހަޅުތާލުކުރާ ބައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ވޭތުވެދިޔަ ތިން އަހަރުވެސް އެ ޕާޓީން އިސްކަންދީފައިވަނީ އިލްމީ ބަހުސްތަކުގެ ތެރެއިން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީ ވިސްނައިދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ