ރާއްޖޭގެ އިޤުތިޞާދު ހަރުދަނާކޮށް، މަސައްކަތުގެ އަޚުލާޤު ކުރިއެރުވުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލުކޮށް ޕޭ ހާމަނައިޒްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޕޭ ހާމަނައިޒްކުރުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ އާމްދަނީ ބޮޑުކުރުމާއެކު، މަސައްކަތުގެ އަޚުލާޤު ހަރުދަނާކުރުން ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި އިޤުތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި، މިކަން ތަންފީޒުކުރަމުންދާއިރު ވަކިވަކިން ބަލަންޖެހޭ ޚާއްޞަ ކޭސްތައް ބައްލަވައިގެން ކުރިއަށް ގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް (ރައިޓް-ސައިޒް ކުރުމަށް) ކުރެވޭ މަސައްކަތަކީ ޚަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ފެންވަރާއި ހަމަތައް ހިފެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ސިޔާސީ ނުފޫޒުން މީހުން ވަޒީފާއިން ވަކިކުރުމުގެ ގޮތުން ކުރާ ކަމެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ނޫސްވެރިންނަށް ދެއްވާފައެވެ. ސަރުކާރުން އަޅަމުންދާ މިފަދަ އިޞްލާޙީ ފިޔަވަޅުތަކާއެކު، ބޭރުގެ ޤައުމުތަކަށް ރާއްޖެއިން ދައްކަންޖެހޭ ދަރަނި ޚަލާޞްކުރުމަކީވެސް ފަރުދީ ފެންވަރުގައި ރައްޔިތުންނާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއްކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ