އިންޑިއާއާއެކު އޮތް ގުޅުމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ: ސޯލިހް

އިންޑިއާއާއެކު އޮތް ގުޅުމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ: ސޯލިހް

Author
އަހުމަދު
07 ޖެނުއަރީ 2024 08:13
0

ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ގުޅުމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ރާއްޖެ އަށް ދިއުމުގެ ބަދަލުގައި ލަކްޝަދީޕް ދިއުމުން މާ ރަނގަޅު ވާނެ ކަމަށެވެ. އެ ސަރަހައްދުން ރާއްޖެ އަށް ވުރެ މާ ރީތި މަންޒަރުތައް ފެނިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.  އެކަމާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށާއި މޯދީ އަށް އިހްތިރާމް ކުޑަވާ ގޮތަށް ވާހަކަ ދައްކަވައިފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަށް ނަފްރަތުކޮށް ދިވެހި ސަރުކާރުގެ އޮފިޝަލުންތަކެއް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ. އިންޑިއާއަކީ ރާއްޖެ އަށް އަބަދުވެސް ރަނގަޅު ރަހްމަތްތެރި ގައުމެއް ކަމަށާއި އެ ގައުމާ ދެކޮޅަށް ވާހަކަ ދައްކައި، ރަހްމަތްތެރިކަމުގެ ގުޅުމަށް އަސަރެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާއަކީ އަބަދުވެސް ގާޓް ރަހްމަތްތެރި ގައުމެއް ރާއްޖެއަށް. އަދި ދެ ގައުމުގެ ގުޅުން ހީނަރުވާ ފަދަ ވާހަކައެއް ދައްކައިގެން ނުވާނެ،" ސޯލިހް ވިދާޅުވިއެވެ.

އިންޑިއާ އަށް ފުރައްސާރަކޮށް ބަދު ބަސް ބުނި މައްސަލައާ ގުޅިގެން ބައެއް ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދުއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.