އަދީބަށް ޣައިރު ޤާނޫނީ ލުއިތައް ދީފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމަށް: ވަކީލުން

އަދީބަށް ޣައިރު ޤާނޫނީ ލުއިތައް ދީފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމަށް: ވަކީލުން

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 08:37
0

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭގައި ބެހެއްޓުމާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެކަމަށް ތަފާތު އުޒުރުތައް ދެއްކިކަމުގައިވީނަމަވެސް، އެއީ ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހެކިބަސްދިނުމުގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ ޣައިރު ޤާނޫނީ ލުއިތަކެއް ކަމުގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުގެ ޓީމުން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

އަދި، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއް ކަމަށް ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) ގައި ލާޒިމުކޮށްފައިވާކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ޚިޔާނާތުގެ މައްސަލާގައި ދައުލަތުގެ ތަޙްޤީޤީ އިދާރާތަކުން 200 އަށްވުރެ ގިނަފަރާތްތަކުގެ މައްޗަށް ތަޙްޤީޤު ހިންގައި ކުށުގެ ތުހުމަތުކޮށްފައިވާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް ކާމިޔާބުވުމަށްފަހު އެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިއަދާއިހަމައަށްވެސް އެކަށީގެންވާގޮތެއްގައި ދަޢުވާއުފުލައި، ނުވަތަ އިތުރު ތަހްގީގެއް ހިންގާފައި ނުވާއިރު، ހަމައެކަނި ކުރީގެ ރައީސް، ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތަކުރާރުކޮށް ދަޢުވާތައް އުފުލަމުންދިއުމަކީ އިއްތިފާޤެއްކަމަށް ނުދެކެން.

– ވަކީލުންގެ ބަޔާނުގައި ވެއެވެ.

ވަކީލުން ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން މިހާރު އުފުލާފައިވާ ދަޢުވާތަކަކީ ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް ދަޢުވާތަކެއް ކަމުގައި ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި މިއީ ދުރާލައި ރާވައި އިންތިޒާމުކުރެވިގެން ހިންގޭ ސިޔާސީ ބަދަލުހިފުމެއްކަމަށްވާއިރު، ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ޢަމަލުކުރާންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަޚްލާޤާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ޙުރުމަތްތެރިކޮށް ހިތައިގެންކަމަށް ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު ފުލުހުންގެ މުއައްސަސާގެތެރެއަށް ސީދާކޮށް އަދި ނުސީދާކޮށް ވެރިކަންކުރާ ޕާޓީން ނުފޫޒު ފޯރުވައި، ހަމައެކަނި ވަކިފަރުދަކަށް އަމާޒުކޮށް ތަހުޤީޤުތައް ހިންގަމުންދާކަމަށެވެ.

މިދަޢުވާތަކުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ އެތެރޭގައި ހިންގާފައިވާ ޖަރީމާތަކުގެ މައި ތަނބުކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔަތާއި އެކު ދައުލަތުން ސިއްރު އަދި، ޤާނޫނު ނުވެސް ދަންނަ، އެއްބަސް ހެދުމަށްފަހު، ދައުލަތުގެ މުދަލަށް ބޮޑެތި ޢަދަދުތަކުން ޚިޔާނާތް ވެފައިވާކަމަށް އެބޭފުޅެއްގެ އަމިއްލަ އިޢުތިރާފުން އެއްބަސްވުންތަކާއި އެބޭފުޅެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ ބޭފުޅެއް ކަމުގައިވާ، އަދި އެބޭފުޅެއްގެ މައްޗަށް 800 އަހަރުގެ ޙުކުމެއް ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ އެބޭފުޅަކާއި ދެކޮޅަށް ހުރިކަމަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާ ބޭފުޅެއްކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭގައި ބެހެއްޓުމާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެކަމަށް ތަފާތު އުޒުރުތައް ދެއްކިކަމުގައިވީނަމަވެސް، އެއީ ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހެކިބަސްދިނުމުގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ ޣައިރު ޤާނޫނީ ލުއިތަކެއްކަމަށް މިބަޔާނުގައި ބުނެފައިވެއވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.