ވަޒީރުންނަށް ރުހުން ނުދީ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ ނަން ކިލަނބު ކޮށްލާފައިވާކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް މިހެން ވިދާޅުވެފައިވަނީ، ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގަމާށާއި މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ރޭބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓާފައިވަނީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމަށް ކަމަށެވެ.
އެއްވެސް ސަރުކާރަކުން އެއްވެސް މަޖިލީހަކުން އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ވަޒީރުންނަށް، ދައުލަތުގެ ވަޒީރުންނަށް، ފުރަތަމަ ފަހަރަށް ރުހުން ނުދީ ހިފަހައްޓާފައެއް ނެތް. ދިވެހި ރައްޔިތުންގެ ކުރިމަތީ ތާރީހުގެ ތެރޭގައި އެބޭފުޅުންގެ ނަން އެ ހަޑިކޮށްލީ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ބައި އިލެކްޝަންގައި ވޯޓު ދޭއިރު ވިސްނަން ވާނީ ސަރުކާރާ ދެކޮޅު ވިސްނުން ހުރި ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ކަމަށެވެ. އެގޮތުން ސަރުކާރާ ދެކޮޅު ކެންޑިޑޭޓަކަށް ވޯޓުލައިފިނަމަ، އެއީ ތަރައްގީގެ ފިޔަވަޅު ފަހަތަށް އެޅުން ކަމަށްވެސް ނައިބު ރައީސް ހުސެން ވިދާޅުވިއެވެ.
އަދި މާލޭ ރައްޔިތުން، ރައީސް މުއިއްޒުގެ ވިސްނުމާ އެއްގޮތަށް ކުރިޔަށްދާނެ ކެނޑިޑޭޓަކަށް ވޯޓު ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ފާއިތުވި ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހަށް މަޖިލީހުގައި އެޖެންޑާ ކުރެވުނު ނަމަވެސް، ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.
އެހެންނަމަވެސް ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ކޮމިޓީން މިހާރުވަނީ ފާސް ކޮށްފައެވެ. ކުރިން އެމްޑީޕީގައި ތިއްބެވި 12 މެމްބަރަކު ކޮންގްރެސް ޕާޓީއާއި ގުޅުމާއި ގުޅިގެން، އެކޮމިޓީގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ މިހާރު ވަނީ ގެއްލިފައެވެ.
މަޖިލީހުގެ އެންމެ ފަހު ދައުރު މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ޗުއްޓީގައި އޮތްނަމަވެސް ކޮންމެހެން ޖަލްސާއެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނެކަމަށް ވިދާޅުވެފައެވެ.
ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގައި މި މައްސަލަ ދިގުދެންމުމުން، ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހާއި އެމްޑީޕީއަށް ޢަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ