ގއ.ނިލަންދޫ އަށް ވަންނަން ދަތުރުކުރަމުން ދިޔަ "ސައުތު ލައިން" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް އެ ރަށު ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
11 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނެރުމައްޗަށް އުރުނު ކަމުގެ މަޢުލޫމާތު ރޭ (31 ޑިސެންބަރު) 20:36 ހާއިރު އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން ލިބުމާއެކު، ސިފައިންވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
އެ ބޯޓު ނެރ މައްޗަށް އުރި، ބޯޓުގެ ކުރީކޮޅު ބަނޑުދަށް ފަރާތުން ފަޅައިގެންގޮސް ދިޔަވަމުންދާތީ ޕަންޕު ޖައްސައިގެން ފެން ހިއްކައި އަދި ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ބޯޓުގެ ފަޅައިގެންގޮސްފައިވާ ތަން ބައްދައި، ރޭ މެންދަމު 3:19 ހާއިރު އެ ބޯޓު ވަނީ ވެރިފަރާތުން ގެނައި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ގއ.ނިލަންދޫ ބަނދަރަށް ވައްދާފައެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާކަމަށާއި، ބޯޓު ނެރުމައްޗަށް އުރުނު އިރު ބޯޓުގައި އެއްވެސް މުދަލެއް ނެތްކަމުގައެވެ.
ކޮމެންޓު ފޮނުވާ