ދިވެހިންނަކީ ހަރުކަށި ފިކުރާއި ދެކޮޅު، ސުލްހަޔާއި އަމަނަށް ލޯބިކުރާބައެއް: މާރިޔާ

ދިވެހިންނަކީ ހަރުކަށި ފިކުރާއި ދެކޮޅު، ސުލްހަޔާއި އަމަނަށް ލޯބިކުރާބައެއް: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 02:39
0

ދިވެހިންނަކީ އަބަދުވެސް ޞުލްޙަޔާއި ޢަމަނަށް ލޯބިކުރާ، ހިތްހެޔޮ ބައެއް ކަމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަމެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތައް ހިމެނޭގޮތަށް، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މަޢުލޫމާތާއި ބެސްޓް ޕްރެކްޓިސް ޙިއްސާކުރުމަށް ޚާއްޞަ ވިއުގައެއް ޤާއިމްކުރުމާ ބެހޭގޮތުން، ޔޫ.އެން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ދަތި އުނދަގޫ ޙާލަތުގައިވެސް، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި ނުރައްކަލާ ކުރިމަތިލުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނާއި ނޭޝަނަލް ޕީ.ސީ.ވީ.އީ އެކްޝަން ޕްލޭނާއި، ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިންނަކީ އަބަދުވެސް ޞުލްޙަޔާއި ޢަމަނަށް ލޯބިކުރާ، ހިތްހެޔޮ ބައެއް. ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަމެއް.

– ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ ސައުތު އޭޝިއަން ރީޖަނަލް ޕްރިވެންޓިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް ނެޓްވަރކް ޤާއިމްކުރުމުގައި ދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަވަށްޓެރި ޤައުމުތަކަށާއި، ޔޫ.އެން.އޯ.ޑީ.ސީ އަށާއި، މާލީގޮތުން އެހީތެރިވި ޖަރުމަންވިލާތަށް ޝުކުރު އަދާކުރައްވާފައެވެ.

މިނެޓްވަރކް ޤާއިމްކުރުމުގައި ރާއްޖެއިން އިސްދައުރެއް އަދާކޮށްފައިވާއިރު، މިނެޓްވަރކްގެ އެންމެ ފުރަތަމަ ހޯސްޓް ކަންޓްރީއަށްވުމުގެ މުހިންމު އަދި ބޮޑު ޒިންމާ ރާއްޖެއަށް އަދާކުރެވޭނެކަމަށް އިތުބާރުކޮށް، އެޒިންމާ ޙަވާލުކޮށްފައިވާތީ، މިނިސްޓަރ މާރިޔާވަނީ ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.