ރާއްޖޭގެ ސަރަހައްދީ އެންމެ ބޮޑު ޖަލުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ: އަހުމަދު

ރާއްޖޭގެ ސަރަހައްދީ އެންމެ ބޮޑު ޖަލުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ: އަހުމަދު

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 01:19
0

މާލެ ސަރަހައްދުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގައި ހެދޭ ސަރަހައްދީ އެންމެ ބޮޑު ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލެ ޖަލުގެ 8 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަހުމަދު ވިދާޅުވީ މިސަރަހައްދުގައި ޖަލުތަކުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަކީ ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މާލެ ޖަލާއި ހުޅުމާލެ ޖަލު އެއްކުރުމުގެ މަޝްރޫއު ބަޖެޓްގައި ހިމަނާ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި، ކޮންސެޕްޓް ޑްރޮވިންގ ނިމި، ޑީޓެއިލްޑް ޑްރޮވިންގގެ މަޝްވަރާތައް ކުރެވެމުންދަކަމަށެވެ.

މި ޖަލު ފުރިހަމައަށް ކުރަހާ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި ހަމަތަކަށް ތެރެއަށް ފެތޭގޮތަށް މި ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ފެށުމަށް ވަނީ ތައްޔާރުވެފަ. މީގެ އިތުރުން މި ޖަލު ވެގެންދާނީ ރާއްޖޭގައި ހެދޭ ސަރަހައްދީ އެންމެ ބޮޑު ޖަލު ކަމުގައި މި ޖަލު ރިމާންޑް މީހުންނަށާއި އަންހެން ގައިދީންނާއި ކުޑަކުދިންގެ އިތުރުން ޑިޓެއިނީސްއަށް ޚާއްސަ ޖަލެއް ކަމުގައި ވެގެންދާނެ.

– ކޮމިޝަނަރ ވިދާޅުވިއެވެ.

މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ އޮފިސަރުންގެ ގިނަ ވަގުތާއި ހަކަތަ ހޭދަވެ މަސައްކަތް ދެ ގުނަ ވެގެންދާ ކަމުގައި ފާހަގަކުރައްވާ، މާލެ ސަރަހައްދުގައި ގިނަ ކޯޓުތައް ގާއިމުވެފައި ހުރުމުން ހުޅުމާލެ ޖަލާއި މާލެ ޖަލު އެއްކޮށް ހުރިހާ ރިމާންޑް މީހުން އެ ޖަލަށް ބަދަލުކުރެވުމުން، މި ކަމަށް ބޮޑު ހައްލެއް ލިބި، އޮފިސަރުންނަށްވެސް އިތުރު އެކޮމަޑޭޝަން ބްލޮކްއެއް ލިބިގެންދާނެކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މި އަންނަ އަހަރު އިތުރު ޕްރޮޖެކްޓެއްގެ ގޮތުގައި ނޭކުރެންދޫ ޖަލު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ހުޅުމާލެ ޖަލާއި މާލެ ޖަލު ބޮޑުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށި، އިރާދަކުރެއްވިޔާ 2022 ގެ މެދުތެރެއަށް ޖަލުގެ އިންފްރާސްޓަރަކްޗަރގެ މަސައްކަތް ނިމިގެންދާނެކަމަށް އަންދާޒާ ކުރައްވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ހަފްލާގައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގަޑިއަށާއި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ދުވަހާގުޅޭ ޚާއްސަ ވީޑިއޯ ލަވައެއް ހުށަހެޅުމުގެ އިތުރުން ޚާއްސަ ކޭކެއް ވެސް ވަނީ ފަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.