ކޯވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި އޮތް މާލެ ސަރަހައްދުގެ ފަތުރުވެރިކަން ހުޅުވާލައި، 15 ގެސްޓު ހައުސްއަކުން މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއަދު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދިނުމާއިއެކު މިހާތަނަށް 15 ތަނެއް ވަނީ ހުޅުވާފައިކަމަށެވެ. ގްރޭޓަރ މާލެ ސަރަހައްދު ކަމަށްވާ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިމިވަނީ ކޯވިޑް19 އަށްފަހު މިތަންތަން ބަންދުކޮށްފައި ހުންނަތާ 9 މަސްދުވަސް ފަހުންނެވެ.
ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިން ބައިތިއްބާ ހޮޓާތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ކޯވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ ގޮތަށް ގައިޑްލައިން އެކުލަވާލައި ވަނީ އާންމު ކޮށްފައެވެ.
ގައިޑްލައިންގައި ހުރި އެހެން ކަންކަންތައްތަކަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތަކުގައި ވެސް އަމަލު ކުރަން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަންކަމެވެ. އޭގެތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައި އޮންނަ ލިޔުމެއް ހުށަހަޅަން ޖެހުމާއި ރާއްޖެ އިން ފުރުމުގެ 48 ގަޑިއިރުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓް ކުރުން ހިމެނެއެވެ. ރާއްޖެ އިން އެއްވެސް ފަތުރުވެރިޔަކަށް ފުރޭނީ ކޯވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން 24 ރަށެއްގެ 125 ގެސްޓްހައުސެއް ވަނީ އަލުން ހުޅުވާފައެެވެ. މިއާއެކު ގެސްޓުހައުސްތަކުން ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ 2476 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ