ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއި ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅު ކުރުމުގެ މިނިވަން ކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.
އަދި ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަން ކަން ހިމެނޭ ކަމަށް ބަޔާންކޮށްފައި ވަނިކޮށް އޮންލައިންކޮށް ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ބައެއް ވެބްސައިޓުތަކަށް ރާއްޖެ އިން ނުވަދެވޭ ގޮތަށް ބްލޮކް ކުރަމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައި ވަނީ ސަރުކާރުގެ މި އަމަލަކީ ގާނޫނުއަސާސީއާ ހިލާފު، ރައްުޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އަދި ނޫސްވެރިންނަށާއި ނޫސްތަކަށާއި ޖުމްލަ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ދެކޭތީ އަދި ޑިމޮކްރަސީއާ ބީރައްޓެހި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެން ދާ ފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި މިކަން ސިފަ ކުރެވޭ ކަމަށެވެ.
އެހެންވެ، ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.