ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފެނިގެންދާ އަލަތު ފިލްމްގެ އަސަރުގަދަ ލަވަ "އިޝްގް ޖެއިސާ ކުޗް" ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މި ލަވަ އަކީ މި ފިލްމްގައި ހިމެނޭ ވަރަށް ރޮމޭންޓިކް އަދި އެހާމެ ހިތްގައިމު ލަވައެކެވެ. ލަވައިން ލީޑުން ދެތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރިތިކް ފެނިގެންދާއިރުގައި، ވިޝާލް-ޝޭކަރު މިއުޒިކަށް ލަވަ ކިޔާފައި ވަނީ ޝިލްޕާ ރާއޯ އާއި މެލޮ ޑީ އެވެ.
"ފައިޓާ" އަކީ ބޮލީވުޑްގެ ފުރަތަމަ އޭރިއަލް އެކްޝަން ތުރިލާ އެވެ. މި ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރުންގެ ގައުމީ ހިދުމަތަށެވެ. އެހެންވެ ފައިޓަރޖެޓްގެ ވަރަށް ގިނަ ހާދިސާތަކެއް މިފިލްމުން ފެނިގެންދާނެއެވެ. "ފައިޓާ" ސިނަމާތަކަށް ދޫކޮށްލާނީ އަންނަ މަހުގެ 25 ގަ އެވެ.
މި އަހަރު ގެނެސްދިން ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމް "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދޭ "ފައިޓާ" އަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ އެއްޗެކެވެ.
ދީޕިކާ އާއި ރިތިކް ލީޑުން ފެނިގެންދާ މި ފިލްމުގެ މުހިންމު ރޯލަކުން އަނިލް ކަޕޫރު ވެސް ފެނިގެން ދާނެއެވެ. ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ވެސް ސިދާތެވެ. ފިލްމު ގެނެސްދެނީ އޭނަގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ