ކޮމަންޑޫ ބަނދަރު ނިމުމާއި ގާތަށް

ކޮމަންޑޫ ބަނދަރު ނިމުމާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 12:50
0

ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއި ގާތަށް ޖެހިލައިފިއެވެ.

އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކޮމަންޑޫ ބަނދަރުގެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %95 މިހާރުވަނީ ނިމިފައެއެވެ. އަދި މިހާރު ކުރިއަށްދަނީ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކަމުގައި އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 4 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ އީ.އައި.އޭ އެޕްރޫވަލް ލިބިފައިވަނީ 12 ނޮވެމްބަރު 2019 ގައެވެ. އަދި ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކާ ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް އެކުންފުނިން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ކޮމަންޑޫ ފަޅުން 35،348 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ފުންކުރުމާއި، 14،731 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ. އަދި 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން 1,991 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. 29 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް އެމް.ޓި.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.