އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭ: މެޑަމް ސާޖިދާ

އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭ: މެޑަމް ސާޖިދާ

އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު މީރުމާ މާލަމުގައި ބޭއްވި "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޤައުމެއް ކުރިއަށްދިއުމުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސަރވިސްގެ އެކި ވަޒީފާތަކުގައި އަންހެން ބޭފުޅުން ގިނަ ނަމަވެސް އަދިވެސް މަތީފަންތީގައި ލީޑްކުރުމުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ރަންހިރު ދަރުބާރުގެ ތެރެއިން، އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރަންހިރު ދަރުބާރު ކުރިއަށްގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާގޮތަށް ޖުމްލަ 46 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމެއްގެ ގޮތުގައެވެ. އަދި މި ފޯރަމް ކުރިޔަށްގެންދަނީ އިނގިރޭސިވިލާތުގެ ސަރުކާރާއި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާވެސް އެކުގައެވެ.

މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި އަންހެން ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ މެންބަރުނާ އެކުގައި މަޝްވަރާކޮށް ޚިޔާލާއި މަޢުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ޤާއިމުކޮށްދިނުމާއި ޖެންޑަރ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *