މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކުރު ހަމަޖެހިއްޖެއެވެ.
ވެރިކަންކުރާ ކޯލިޝަންގެ ޓިކެޓް އާޒިމާއަށް ކަށަވަރުވެގެން ދިޔައީ، ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު 15:00 އާއި ހަމައަށް ހަމަވިއިރު އެހެން އެއްވެސް ފަރާތަކުން ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައި ނުވާތީއެވެ. މިކަން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދުވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާފައެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވެފައިވަނީ މިއީ ސަރުކާރާއެކީ މަސައްކަތް ކުރާނެ މޭޔަރަކު މާލޭ ސިޓީއަށް އިންތިޚާބު ކުރަންވީ ވަގުތު ކަމަށާއި، އޭނާ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމި ހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވަރު ކާމިޔާބު ކުރެއްވުމުގައި ކަމުގައެވެ.
މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް.
ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މޭޔަރުކަމަށާއި، ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާޅާފައިވަނީ މިއަދުގެ 15:00ގެ ނިޔަލަށެވެ. ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 9 ގަ އެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.
މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
ކޮމެންޓު ފޮނުވާ