އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 ސިޓީން ޕާސްޕޯޓު ދޫކުރުން އަވަސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައްވެސް ބައްޓަންކޮށް، މިއަދުން ފެށިގެން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކަށް ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަަސްކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައިވާކަމަށެވެ.
އެހެންކަމުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމްކޮށްފައިވާ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ އިމިގްރާޝަން އޮފީހުން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވެގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަން ރީޖަނަލް އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓް ފޮނުވަމުން ދިޔައީ ހަފްތާއަކު 2 ދުވަހުއެވެ. މި ބަދަލާއެކު ދެން ކޮންމެ ހަފްތާއަކު 4 ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓް ފޮނުވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ކުޅުދުއްފުށި ސިޓީއާއި ، ފުވައްމުލައްސިޓީއާއި، ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފްތާއަކު 1 ދުވަހުނަމަވެސް އައު ބަދަލާއެކު، ހަފްތާއަކު 2 ދުވަހު ޕާސްޕޯޓް ފޮނުވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށްވެސް ފުޅާކުރުމަކީ އަމާޒެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮމެންޓު ފޮނުވާ