ޓްރީޓޮޕް ހޮސްޕިޓަލުން އައިވީއެފް ފުރިހަމަކުރި ފުރަތަމަ ބެޗުގެ 10 މީހުންގެ ތެރެއިން 6 މީހުން ބަނޑުބޮޑުވިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ އެ ހޮސްޕިޓަލުން އައިވީއެފްގެ ފަރުވާ ފަށައިފައިވަނީ 16 މީހުން ކަމަށެވެ. އޭގެ ތެރެއިން ހަ މީހެއްގެ އައިވީއެފް ޕްރޮސީޖާ ނުނިމޭކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މީހުންގެ 'އެމްބްރީއޯ ޓްރާންސްފާ' އަދި ނުހެދޭ ކަމަށެވެ.
ނަމަވެސް މިހާރު 10 މީހުން މުޅި ޕްރޮސިޖާ އެއްކޮށް ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ހަ މީހުން ބަލިވެއިންކަން ދެނެގަނެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އައިވީއެފް ފަރުވާ މީގެ ކުރިން ރާއްޖެއިން ނުލިބެއެވެ. އެހެންކަމުން އެ ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހޭތީ އަތުން ވެސް ބޮޑު ހަރަދެއް ހިނގައެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ފެށުންވީ ރައްޔިތުންނަށް ފަސޭހައަކަށެވެ. އެ ހޮސްޕިޓަލުން އައިވީއެފް ހެދެނީ 46،000 ރުފޔާއަށެވެ.
އައިވީއެފްގެ ޚިދުމަތް ފެށިއިރު ވެސް 300 އެއްހާ މީހުން ކިއޫގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިސަރުކާރުން ވަނީ، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަން އާސަންދައިގެ އެހީ ދިނުމަށް ހަފުތާ14ގެ ޕްލޭންގެ ތެރޭގައި ހިމަނައިފައެވެ.