ޕީސީބީގެ މެމްބަރު ކަމަށް މުޣުނީ އައްޔަންކޮށްފި

ޕީސީބީގެ މެމްބަރު ކަމަށް މުޣުނީ އައްޔަންކޮށްފި

Author
އަހުމަދު
23 ނޮވެމްބަރ 2023 11:55
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ މެމްބަރަކަށް ކުރީގެ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ހަސަން މުޣުނީ އައްޔަން ކުރައްވައިފިއެވެ.

މުގްނީ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވުމުގެ އިތުރުން އެންވައިރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.

މުޣުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ފެށުނު ހިސާބުންނެވެ. ފުރަތަމަ ބުރުގައި މުޣުނީ ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.

މުޣުނީއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ފަސް ވަނަ މެންބަރެވެ.

އެ ބޯޑަށް އިއްޔެ ވަނީ ރައީސަކާއެކު ތިން މެމްބަރުން އައްޔަންކޮށްފައެވެ.

ޕީސީބީގެ ރައީސް އަކަށް ހެންވޭރު ރަންގަލި 4، ހަމްދީ އަގީލް އައްޔަން ކުރިއިރު، މެމްބަރު ކަމަށް އައްޔަން ކުރެއްވީ ދަފްތަރު 4652، އަހުމަދު މުޝްތާގު، ވ. ބްލޫއޯޝަން ލީނާ އަބްދުލްޖަލީލް، އަދި ރަންކޮކާގެ ށ. ކޮމަންޑޫ  މޫސާ ފަތުހީ އާދަމެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖެއްސުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައި ވަނީ ޕީސީބީއާއެވެ. އެ ބޯޑުގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.