އީސީން ބޭނުންވަނީ ރޯދައިގެ ކުރިން މަޖިލިސް އިންތިޚާބު ބާއްވަން

އީސީން ބޭނުންވަނީ ރޯދައިގެ ކުރިން މަޖިލިސް އިންތިޚާބު ބާއްވަން

Author
ހުސެއިން
21 ނޮވެމްބަރ 2023 06:25
0

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބު އަންނަ ރޯދައިގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގައި އޮތް މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭވުމުގައި ހުރި ދަތިތަކާއި އަދި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ފަހުން 10 ދުވަހުގެ ތެރޭގައި މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ އެކަން އީސީން އިއުލާނުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ އުސޫލުން ބަލާއިރު 120 ދުވަސް ހަމަވާނީ އަންނަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް ކަމުގައެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ ގާނޫނު ބުނާގޮތުން، ހިގަމުންދާ މަޖިލިހުގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވާ، އެ އިންތިޚާބާބެހޭ ހުރިހާކަމެއް އީސީން ނިންމާން ޖެހެއެވެ. އެގޮތުން އެ ތާރީޚު އަންނަ އަހަރުގެ އެޕްރިލްމަހުގެ 28ވަނަ ދުވަހަށް ހަމަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިހާބަށް ތައްޔާރުވާ ނަމަ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30 އިން ފެށިގެން. ކުރިމަތިލާ މީހުންނަށް އެކަމަށް 14 ދުވަހުގެ މުއްދަތެއް ދީ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށްގެންގޮސް ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭނީ ފެބްރުއަރީ 17 ވަނަ ދުވަހު.

ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މުއްދަތުން ފެށިގެން އިންތިޚާބު ބޭއްވުމާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭއިރު، އެންމެ އަވަހަށްވެސް މަޖިލިސް އިންތިޚާބު ބޭއްވެން އަންނަނީ އަންނަ މާޗްމަހުގެ 18 ވަނަ ދުވަހު ކަމުގައެވެ.

އެހެންނަމަވެސް އެދުވަސްވަރު ސްކޫލުކުދިންގެ މޮކް އެގްޒާމާއި ދިވާވުމާއި އަދި މާރޗް 18 ވަނަ ދުވަހަކީ ރޯދަމަހުގެ 9 ވަނަ ދުވަސްކަން ފާހަގަ ކުރައްވަމުން ހަބީބު ވިދާޅުވީ އެދުވަސްވަރު ވޯޓު ލާނެ މަރުކަޒު ހަމަ ނުޖެއްސޭނެ ކަމުގައެވެ.

ދެން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަސް އެއީ ރޯދަމަހުގެ 20 ވަނަ ދުވަސް. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގެ ވޯޓުލުން ބޭއްވޭނީ އޭޕްރީލް 20 ދުވަހު. އޭރުން ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނީ އޭޕްރީލް 27 ވަނަ ދުވަހު. އޭރުން އިންތިހާބު ބާއްވައި ނިމޭނީ ގާނޫނުގައި ބުނާ 30 ދުވަސް ހަމަވުމުގެ އެއް ދުވަސް ކުރިން.

ހަބީބު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އީސީންވަނީ އިންތިޚާބު ބޭއްވުމަށް ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއް ހުށަހަޅުމަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. ހަބީބީ ވިދާޅުވީ އެގޮތަށް ހަމަޖައްސައިފިނަމަ، ރޯދަމަސް ފެށުމުގެ ކުރިން، މާރޗްމަހުގެ 9 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެ ކަމުގައެވެ.

ދެވަ ހުށަހެހެޅުމެއްގެ ގޮތުގައި އީސީން ހުށަހަޅާފައިވަނީ އިންތިހާބު އިއުލާނުކުރަންޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. ހަބީބު ވިދާޅުވީ އެ ބަދަލު ގެނެވިއްޖެނަމަ އިންތިޚާބު އަވަހަށް ބޭއްވުމުގެ ފުރުސަތު އީސީއަށް ލިބިގެންދާނެ ކަމުގައެވެ.

ކޮމިޓީން ނިންމާފައިވަނީ ވަކި ގޮތެއް ނިންމުމުގެ ކުރިން ކަމާއި ގުޅުންހުރި މުވައްސަސާތަކާއި އިތުރަށް މަޝްވަރާ ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.