ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލްކުރުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް މަޖިލީހުން ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްއެންޕީއަށް މަޖިލިސް ތަމްސީލްކުރުމުގެ ފުރުޞަތު ގެއްލުނީ، ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމުން، އެޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 2އަކަށް ދަށްވުމުންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ ޕާޓީގެ މެންބަރުންގެ އަދަދު އެއްވެސް ހާލަތެއްގައި ތިން މެންބަރުންނަށް ވުރެ މަދުވެއްޖެނަމަ، އެ ހައިސިއްޔަތު ގެއްލޭނެ ކަމަށާއި އެހެންކަމުން އެމްއެންޕީއަށް އެ ފުރުޞަތު ގެއްލިފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ޢަބްދުﷲ ރިޔާޒް ވިދާޅުވީ އެއީ ޤާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމަށެވެ.
މަޖިލީހުގެ ރިޔާސަތުން އަޅުގަނޑަކީ އެމްއެންޕީ މެންބަރެއް ނޫން ކަމަށް ގަބޫލުކުރައްވާ އިންޑެޕެންޑެންޓް މެންބަރެއްގެ ގޮތުގައި ނިންމެވުމަކީ މި ދެންނެވި ދިވެހިރާއްޖޭގެ 16، 17 އަދި 30 ވަނަ މާއްދާއާ ހިލާފަށް ނިންމެވި ނިންމުމެއް.
– ޢަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
މަޖިލީހުގައި އެމްއެންޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޢަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމެވެ.